ކުރީގެ ނޫސްވެރިޔާ، އަދި މަޝްހޫރު ލިޔުންތެރިޔާ، މުހައްމަދު ސަލީމް (ހޯރަފުށީ ސަލީމް) ރާއްޖެ އާއި މަލިކުގެ ގުޅުމާ މެދު ލިޔުއްވި ތާރީހީ އަދި ލޯބީގެ ވާހަކަ "މަލިކު ބީފާން" ރޭ ނެރެފި އެވެ.

އިމާދުއްދީން ސްކޫލްގައި ރޭ ބޭއްވި ހަފުލާއެއްގައި އެ ފޮތް ނެރެދެއްވީ މަލިކު، މުރައިދޫ ގަނޑުވަރު އަލިމަނިކުފާނެވެ.

ރޭގެ ހަފުލާގައި ސަލީމް ވިދާޅުވީ އެ ފޮތް ލިޔުއްވަން 150 ވަރަކަށް މީހުންގެ އެހީތެރިކަން ހޯއްދެވި ކަމަށާއި އަދި ފޮތް ވުޖޫދު ކުރެވުނީ އެ ފޮތް ލިޔުއްވަން ފެއްޓިވިތާ ހަތަރު ވަރަކަށް އަހަރު ފަހުން ކަމަށެވެ. އަދި ވިދާޅުވީ އެ ފޮތް ލިޔުއްވުމުގެ ކުރިން މަލިކުގެ އެކިއެކި މީސްމީހުންގެ ފަރާތުން ހިޔާލު ހޯއްދެވި ކަމަށެވެ.

ޑިސެމްބަރ 7، 2015: ހޯރަފުށީ ސަލީމްގެ ވާހަކަ "މަލިކު ބީފާނު" ފޮތް ނެރުމަށް އިމާދުއްދީން ސްކޫލް ހޯލުގައި ބޭއްވި ހަފްލާގެ ތެރެއިން -- ސަން ފޮޓޯ/ފަޔާޒު މޫސާ

މަލިކު ބީފާނަކީ، ތުރާކުނުގައި އުޅުމަށް ފަހު މަލިކަށް ހިޖުރަކުރި ބީފާނާއި ތުރާކުނު އިބްރާހިމްއާ ދެމެދު އުފެދުނު ލޯބީގެ ގުޅުމަށް ބިނާކޮށް ލިޔެފައިވާ ހިޔާލީ ވާހަކައެކެވެ.

ރޭގެ ހަފްލާގައި ވާހަކަ ދައްކަވަމުން މަޝްހޫރު ލިޔުންތެރިއާ މަޑުލު މުހައްމަދު ވަހީދު ވިދާޅުވީ މީގެ އެތައް ސަތޭކަ އަހަރު ކުރިން މަލިކާއި ހއ. އަތޮޅާ ދެމެދު އޮތް ގުޅުން ފޮތުން ވަރަށް ރަނގަޅަށް ސިފަކޮށްދީފައިވާ ކަމަށެވެ.

ރޭގެ ހަފުލާގައި މަޑުލު ވަހީދު ވާހަކަ ދައްކަވަނީ

ތާރީހީ ފަތްފުއްތައް ބުނާ ގޮތުން މަލިކަކީ ކުރިން ރާއްޖޭގެ ބައެއްގެ ގޮތުގައި އޮތް ރަށެކެވެ. އަދި 1950ގެ އަހަރުތަކުގައި ދިވެހިން ގިނަ އަދަދަކަށް އެ ރަށަށް ގޮސްވާ ކަމަށް ވެސް ތާރީހު ހެކިދެ އެވެ.

ރޭ "މަލިކު ބީފާން" ނެރެދެއްވި އަލިމަނިކުފާނު ވިދާޅުވީ މަލިކަކީ ދިވެހިންނާ ވަރަށް ބޮޑަށް ގުޅިފައިވާ ރަށެއް ކަމަށާއި 1956 ވަނަ އަހަރު މަލިކާއި ރާއްޖެއާ ވަކިވުމުގެ ކުރިން ވަރަށް ގިނަ ބޯޓު ފަހަރު މަލިކަށް ދަތުރު ވެސް ކުރި ކަމަށެވެ.

މަލިކު، މުރައިދޫ ގަނޑުވަރު އަލިމަނިކުފާނު