09 Apr 2011, 09:27
ޤާހިރާ : މަޤާމުން ދުރުކުރެވިފައިވާ މިސްރުގެ ރައީސް ޙުސްނީ މުބާރަކާއި އޭނާގެ ބައިވެރިންގެ މައްޗަށް ޝަރީޢަތް ހިންގުމަށް ގޮވާލައި މިސްރުގެ ދޮޅު މިލިޔަނެއްހާ މީހުން އިއްޔެގެ ހުކުރު ނަމާދަށްފަހު މައިދާނަށް ތަހްރީރުގައި މުޒާހަރާ ކޮށްފިއެވެ.
އަނިޔާވެރިންގެ ކިބައިން މިސްރު ސާފުކުރުމާއި އެމީހުންގެ މައްޗަށް ޝަރީޢަތް ހިންގުމުގެ ނަމުގައި މައިދާނުއްތަޙްރީރުގައި ބޭއްވި މިއެއްވުމުގެ ބައިވެރިން މިސްރުގެ ޢަސްކަރީ މަޖިލީހަށާއި ވަގުތީ ސަރުކާރަށް ގޮވާލީ މުބާރަކާއި އޭނާގެ ބައިވެރިން ނަހަމަ ގޮތުގައި ހޯއްދަވާފައިވާ ފައިސާގެ ތެރެއިން ޤައުމުން ބޭރަށް ގެންގޮސްފައިވާ ފައިސާއާއި މުދާތައް އަނބުރައި މިސްރަށް ގެނައުމަށެވެ.
އަދި މިހާރުގެ ސަރުކާރުގައި ހިމެނޭ ކުރީސަރުކާރުގެ ކޮރަޕްޓް މަސްއޫލުވެރިން މަޤާމުން ދުރުކޮށް އެމީހުން ހައްޔަރު ކޮށް ޝަރީޢަތް ހިންގުމަށްވެސް ގޮވާލިއެވެ. މީގެއިތުރުން މިސްރުގެ ޔުނިވާސިޓީތަކުގެ މަސްއޫލުވެރިންނާއި ލޯކަލް ކައުންސިލްތަކުގެ ގަވަރްނަރުން ވަކިކޮށް މިކައުންސިލްތަކުގެ އިންތިޚާބު އަލުން ބޭއްވުމަށް ވެސް ގޮވާލިއެވެ.
މުބާރަކާއި އޭނާގެ ބައިވެރިންގެ މައްޗަށް ކޮށްފައިވާ ސިޔާސީ އަދި މާލީ ކޮރަޕްޝަންތަކުގެ ތުހުމަތުތަކުގެ އިތުރުން އޭނާގެ ވެރިކަން ވައްޓާލުމަށް ޓަކައި މަގުތަކަށާއި މައިދާނުއް ތަޙްރީރަށް އެއްވެ މުޒާހަރާކުރި މީހުންގެ ތެރެއިން އެތަށް ސަތޭކަ ބަޔަކު މަރައި އެތަށް ހާސް ބަޔަކަށް އަނިޔާކުރި މައްސަލާގައި ވެސް އެފަރާތްތައް ޝަރީޢަތަށް ޙާޒިރު ކުރުމަށް ވެސް މައިދާނުއް ތަޙްރީރަށް އެއްވި ދޮޅު މިލިޔަނެއްހާ މީހުން ގޮވާލިއެވެ.
މުބާރަކާއި އޭނާގެ ބައިވެރިން ހައްޔަރުކޮށް އެމީހުންގެ މައްޗަށް ޝަރީޢަތަށް ކުރުމަށްގޮވާލައި އިސްކަންދަރިއްޔާގައި ވެސް މިލިޔަނެއްހާ މީހުން މުޒާހަރާކުރިއެވެ. -- އަލްޖަޒީރާ