ޗެންނާއީ އަށް ކުރި ވިއްސާރާގައި ހާލުގައި ޖެހުނު މީހުންނަށް އެހީތެރި ވުމުގެ ގޮތުން، ބޮލީވުޑްގެ މަޝްހޫރު ބަތަލް ޝާހްރުކް ހާން އެއް ކަރޯޑް ރުޕީސް ހަދިޔާ ކޮށްފި އެވެ.

އެގޮތުން ޝާހު ހަދިޔާ ކުރި ފައިސާގެ އެހީ ބަލައިގަތުމަށް އެދި ޓެމިލް ނާޑޫގެ ޗީފް މިނިސްޓަރަށް ލިޔެފައިވާ ސިޓީއެއްވެސް ވަނީ އާއްމުކޮށްފަ އެވެ.

ރިޕޯޓުތައް ބުނާ ގޮތުން ޝާހު އެ ފައިސާ ޖަމާކޮށްފައި ވަނީ ޓެމިލްނާޑޫ ޗީފް މިނިސްޓަރުގެ ރިޕަބްލިކް ރިލީފް ފަންޑަށެވެ.

ޝާހުގެ އިތުރުން އެހެނިހެން މަޝްހޫރު ތަރިން ވެސް ވަނީ ޗެންނާއީގައި ހާލުގައި ޖެހުނު މީހުންނަށް އެހީތެރިކަން ފޯރުކޮށްދީފަ އެވެ.

އެގޮތުން ސުޕާ ސްޓާ ރަޖްނީކާންތު ވަނީ 10 ލައްކަ ރުޕީސްގެ އެހީއެއް ހަދިޔާ ކޮށްފަ އެވެ.

ހަމައެހެންމެ ޓެމިލް އަދި ޓެލުގޫ ފިލްމުތަކުގައި ހަރަކާތްތެރިވާ ގިނަ ތަރިންތަކެއް ވެސް ވަނީ ހާލުގައި ޖެހުނު މީހުންނަށް އެހީތެރިކަން ފޯރުކޮށްދީފަ އެވެ.

މިފަހަރު ޗެންނާއީ އަށް ކުރި ވިއްސާރާގައި އެކިއެކި ސަބަބުތަކާއި ހުރެ 280 މީހުން ވަނީ މަރުވެފަ އެވެ.

އަދި ޗެންނާއީގެ ބޮޑު ބަޔަކުން ކަރަންޓު ކެނޑި، ވައިގެ ދަތުރުތަކާއި ރޭލު ދަތުރުތަކަށް ވެސް ވަނީ ބުރޫ އަރައިފަ އެވެ.

މައުލޫމާތު: ހިންދުސްތާން ޓައިމްސް