08 Dec 2015, 00:53
އިންޑިއާގެ އުއްތަރު ޕްރަދޭޝްގައި 28 ދުވަހުގެ ތުއްތު ކުއްޖަކު ރޭޕްކޮށްލައިފިއެވެ.
އިންޑިއާ ފުލުހުންނާ ހަވާލާދީ އެގައުމުގެ ނޫސްތަކުން ބުނާގޮތުން، ތުއްތު ކުއްޖާ ރޭޕްކޮށްލާފައިވަނީ 25 އަހަރުގެ ފިރިހެނެކެވެ.
ފުލުހުން ބުނެފައިވަނީ އެ ތުއްތު ކުއްޖާ ރޭޕްކޮށްލި ފިރިހެން މީހާ އާ ދެކޮޅަށް ތުއްތު ކުއްޖާގެ ބައްޕަ ވަނީ މައްސަލަ ހުށަހަޅާފައި ކަމަށެވެ. ނަމަވެސް އެމީހާ ފިލައިގެން ގޮސްފައިވާ ކަމަށް ނޫސްތަކުގައި ވަނީ ބުނެފައެވެ.
ތުއްތު ކުއްޖާ ރޭޕްކޮށްފައި ވަނީ، އެކުއްޖާގެ މައިންބަފައިން، އާންމު އިންތިޚާބެއްގައި ވޯޓުލުމަށް އެ ކުއްޖާ ބާއްވާފައި ދިޔަ ވަގުތެއްގައި ކަމަށް ބައެއް ޚަބަރުތަކުން ބުނެފައިވެއެވެ.
ދެމަފިރިން އެނބުރި ގެއަށް އައިއިރު ތުއްތު ކުއްޖާ އޮތީ ލެއިން ފޯވެފައި ކަމަށްވެސް އިންޑިއާގެ ނޫސްތަކުން ބުންޏެވެ. އެކުއްޖާގެ ހާލު ސީރިއަސް ކަމަށް އެކުއްޖާއަށް ފަރުވާދެމުން އަންނަ ހޮސްޕިޓަލާ ހަވާލާދީ އިންޑިއާގެ ނޫސްތަކުން ބުންޏެވެ.
ރޭޕްގެ މައްސަލަތަކަކީ އިންޑިއާގައި ހަތަރު ވަނަ އަށް އެންމެ ގިނައިން ރެކޯޑު ކުރެވޭ މައްސަލަތަކެވެ.
ތަފާސް ހިސާބުތައް ދައްކާގޮތުން އިންޑިއާގައި 90 ޕަސެންޓް މީހުން ރޭޕްކޮށްފައި ވަނީ އެމީހަކާ ގުޅުން ހުރި މީހެއް ނުވަތަ އެކުވެރިއެކެވެ.
އިންޑިއާގެ ނޭޝަނަލް ކްރައިމްސް ރެކޯޑް ބިއުރޯ (އެންސީއާރުބީ) އިން ބުނެފައިވަނީ މިދިޔަ އަަހަރު ރޭޕް އަދި އެފަދަ ގެވެށި އަނިޔާތަކުގެ 337،922 މައްސަލަ ރިޕޯޓު ކޮށްފައިވާ ކަމަށެވެ. އެ އަދަދަކީ 2013 ވަނަ އަހަރަށްވުރެ ނުވަ ޕަސެންޓް މަތީ އަދަދެކެވެ.