07 Dec 2015, 21:03
ގއ. ވިލިނގިލީ މަގުހެދުމުގެ މަސައްކަތް ކުރަނިކޮށް ކަރަންޓްގައި ޖެހުނު ދެ ވަނަ މީހާ އަށް އިތުރު ފަރުވާ ދިނުމަށް މާލެ ގެނެސްފި އެވެ.
"ސަން" އަށް މައުލޫމާތު ދެއްވަމުން ވިލިނގިލީ ކައުންސިލްގެ ނައިބު ރައީސް ތަމްހީން ހަސަން ވިދާޅުވީ މިއަދު ހަވީރުގެ ފްލައިޓުން އޭނާ ވަނީ މާލެ ގެނެސްފައިވާ ކަމަށެވެ.
"އޭނާ އަށް އިތުރު ފަރުވާ ދިނުމަށް މާލެ ގެންދިޔައީ މިއަދު ހަވީރުގެ ފްލައިޓުން. އޭނާ ގެންދިޔައީ ކޮން ހޮސްޕިޓަލަކަށް ކަމެއް އަޅުގަނޑަކަށް އެނގިފައެއް ނުވޭ،" ތަމްހީން ވިދާޅުވި އެވެ.
އޭނާގެ ހާލު ގޯސް ނޫން ނަމަވެސް އޭނާ މާލެ ގެންގޮސްފައި ވަނީ އާއިލާގެ ބޭނުމަށް ކަމަށް ވެސް ތަމްހީން ވިދާޅުވި އެވެ.
އެ ހާދިސާ ހިނގާފައި ވަނީ އެ ރަށު މަގުހެދުމުގެ މަސައްކަތުގެ ތެރޭގައި ބުރިވި ކަރަންޓް ކޭބަލެއް ގުޅުވުމުގެ ތެރޭގަ އެވެ. އަދި ކަރަންޓް ޖެހުނު ހާދިސާގައި އެކަކު ވަނީ މަރުވެފަ އެވެ.