އިސްލާމީ މަރުކަޒެއް ބިނާ ކުރުމަށް ތިނަދޫ ކުރީގެ ހުކުރު މިސްކިތް ހުރި ސަރަހައްދު ތަޅައި ސާފު ކުރުމުގެ ތެރެއިން އާސާރީ ބިނާއެއް ފެނިއްޖެ އެވެ.

އުސް މިނުގައި އެއް މީޓަރު ހުރި ބިނާ ފެނިފައި ވަނީ، މިހާރު ހުރި މިސްކިތުގެ އަޑިން ކަމަށް ތިނަދޫ ކައުންސިލުން ބުންޏެވެ.

ތިނަދޫ ކައުންސިލްގެ ނައިބު ރައީސް އިބްރާހީމް އައްސަދު މިއަދު ސަން އަށް ވިދާޅުވީ، މީގެ ހަތަރު ދުވަސްކުރިން ފެނުނު އެ ބިނާ އަކީ އެންމެ ކުރީ ޒަމާނުގައި އެ ސަރަހައްދުގައި އަޅާފައި ހުރި މިސްކިތެއްގެ ބައެއް ކަމަށެވެ.

"އެ ސަރަހައްދު ސާފު ކުރުމުގެ މަސައްކަތް ކުރަނިކޮށް 18-25 ފޫޓުގެ ހިރިގަލުން ހަދާފައި ހުރި ކުޑަ މިސްކިތެއް ފެނިފައި ވަނީ.. އަދި މިސްކިތް ތިން ހަތަރު ފަހަރެއްގެ މަތިން ބޮޑު ކޮށްފައި ހުރި ނިޝާންތައް ފެންނަން ހުރި،" އައްސަދު ވިދާޅުވި އެވެ.

ގދ. ތިނަދޫ ހުކުރު މިސްކިތް ހުރި ސަރަހައްދުން ފެނުނު އާސާރީ ބިނާ --- ފޮޓޯ: ކިޔުންތެރިއެއް

އައްސަދު ވިދާޅުވީ އެ އާސާރީ ބިނާގައި އަރަބި ބަހުން ތާރީޚެއް ޖަހާފައިވާ އިރު، އާސާރީ ކުރެހުންތައް ވެސް ފެންނަން ހުރި ކަަމަށެވެ.

އަދި އެސަރަހައްދުން ފެނުނު އާސާރީ ބިނާ މީހުންނަށް ފެންނާނެ ހެން ޕާކެއް ފަދަ ތަނެއްގައި ބެހެއްޓުމަށް ވިސްނާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ގދ.ތިނަދޫ ހުކުރު މިސްކިތް ހުރި ސަރަހައްދުން ފެނުނު އާސާރީ ބިނާ --- ފޮޓޯ: ތިނަދޫ ކައުންސިލް

އިސްލާމީ މަރުކަޒު ހަދަން ފެއްޓުމުގެ ކުރިން ހުކުރު މިސްކިތް ހުރި ގޯތި ތެރެ އެއްކޮށް ކޮނެ ފަސް ބަދަލު ކުރާނެ ކަމަށް ވެސް އައްސަދު ވިދާޅުވި އެވެ.

އެ ސަރަހައްދުން ފެނުނު އާސާރީ ބިނާ ބެލުމަށް ހެރިޓޭޖު ޓީމެއް އެ ރަށް ދިޔުމަށް ނިންމާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ތިނަދޫ ކުރީގެ ހުކުރު މިސްކިތް ބަންދުކޮށްފައި ވަނީ، މިސްކިތް ހުރި ސަރަހައްދުން ގަނބުރު ފެނުމާ ގުޅިގެންނެވެ.