ތ. ވިލުފުށީ ބޮޑެތި މަގުތަކުގައި ތާރު އަޅައި ނިންމައިފި އެވެ.

ވިލުފުށީ ނުވަ މަގެއްގައި ތާރަ އަޅައި، މަގުތަކުގެ ދެ ފަރާތުގައި ޕޭވްމަންޓް ހަދައި ގައު އަތުރާފައި ވަނީ މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރުޑީސީ) އިންނެވެ. އެމްއާރްޑީސީއަށް އެ މަސައްކަތް ހަވާލުކޮށްފައި ވަނީ 60 މިލިއަން ރުފިޔާ އަށެވެ.

އެމްއާރްޑީސީގެ ވިލުފުށީ ސައިޓް މެނޭޖަރު މުހައްމަދު ނާއިލް "ސަން"އަށް ވިދާޅުވީ ތާރު އެޅުމުގެ މަސައްކަތް ނިންމާފައި ވަނީ ތާރު އަޅަން ފެށިތާ ހަ މަސް ދުވަހުގެ ތެރޭގައި ކަމަށެވެ. އޭނާ ވިދާޅުވީ ތާރު އަޅައި ނިމިފައިވާ މަގުތަކުގައި ކުރެހުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.

ވިލުފުށީ މަގު ހެދުމުގެ މަސައްކަތް ކުރިއަށް ގެންދަނީ--

ނާއިލް ވިދާޅުވީ ވިލުފުށީގެ އިތުރު ތިން މަގެއްގައި ތާރު އެޅުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

"މަގުތަކަށް ޖަމާވާ ފެން، ގްރެވިޓީކޮށް ހިންދާ ގޮތަށް މި ރަށުގެ މަގުތައް ހަދާފައި ވާނީ. އެއީ ފައްތާފައިވާ ތާންގީތައް މެދުވެރިކޮށް، ރަށުގެ ތެރެއަށް ފެން ހިންދޭ ގޮތަށް،" ނާއިލް ވިދާޅުވި އެވެ.

ވިލުފުށީ 4.22 ކިލޯމީޓަރުގެ މަގު ހެދުމުގެ މަސައްކަތް، އޮގަސްޓް 5، 2013، އިފްތިތާކޮށްދެއްވީ އޭރުގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކެވެ. އެ މަސައްކަތް އެމްއާރްޑީސީއާ ހަވާލު ކުރީ އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. ނަމަވެސް އެ މަސައްކަތަށް ފުރިހަމަ ކުރުމަށް ދެ އަހަރަށް ވުރެ ދިގު މުއްދަތެއް ވަނީ ހޭދަވެފަ އެވެ.

ވިލުފުށީ މަގު ހެދުމުގެ މަސައްކަތް ކުރިއަށް ގެންދަނީ--

މަގު ހެދުމުގެ މަޝްރޫއުގެ ދަށުން ގއ. ވިލިގިނލީގައި ހަ ކިލޯ މީޓަރުގެ މަގާއި ގދ. ތިނަދޫގައި އަށް ކިލޯމީޓަރުގެ މަގާއި ދ. ކުޑަހުވަދޫގައި ހަ ކިލޯމީޓަރުގެ މަގާއި ހއ. ދިއްދޫގައި ހަތަރު ކިލޯ މީޓަރުގެ މަގު ހެދުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުންނެވެ.