22 Apr 2010, 11:37
14:30
ޢަދާލަތު ޕާޓީގެ ފަރާތުން ސަރުކާރުގައި ހިމެނޭ ބޭފުޅުންގެ އިސްތިޢުފާ އަށް އެމްޑީޕީން ގޮވާއިރު، އެއީ ސަދަގާތެއްގެ ގޮތުގައި ނުވަތަ ތަބަކަކަށް ލާފައި އެމްޑީޕީން ދިން ހަދިޔާއެއް ނޫން ކަމަށާއި އެއީ އަދާލަތުގެ ހިއްސާއެއްވާ ރައްޔިތުންގެ ނިންމުމެއް ކަމަށް ބުނެ، އެމްޑީޕީގެ މެމްބަރުންނަށް ވަރުގަދަ ރައްދު ހަމަލާއެއް ޢަދާލަތު ޕާޓީން ދީފި އެވެ.
އަދާލަތު ޕާޓީގެ އިލްމުވެރިންގެ ފަރާތުން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ، ޢަދާލަތުގެ ފަރާތުން ސަރުކާރުގައި ހިމެނޭ ބޭފުޅުންނަށް ނިސްބަތްކޮށް، ސަރުކާރު ހިންގާ ފަރާތައް ނިސްބަތްވާ ބައެއް ފަރާތްތަކުން ނޭދެވޭ ވާހަކަތައް ދެއްކުމާއި އިސްތިޢުފާގެ އަޑު އުފުލަމުންދާކަން މިހާރަކަށް އައިސް ފާހަގަކުރެވޭ ކަމަށެވެ. އަދި އެ ވަޒީފާތަކަކީ އިސްތިޢުފާއަށް ގޮވާ މީހުންގެ ފަރާތުން ސަދަގާތެއްގެ ގޮތުގައި ދީފައިވާ ވަޒީފާތަކެއް ނޫން ކަމަށާއި، ތަބަކަކަށް ލާފައި ދިން ހަދިޔާއެއް ނޫން ކަމަށާއި އިސްތިއުފާއަށް ގޮވި ނަމަވެސް އިސްތިޢުފާދޭން ނުޖެހޭ ކަމަށް ވެސް އަދާލަތު ޕާޓީން ބުނެ އެވެ.
އަދި ނަފްސާނީ ގޮތުން އުނދަގޫކޮށް، އަތްނުލައި އައްދޮ ކިޔުއްވާ އުޞޫލު އެއީ ދަންނަ އުސޫލެއް ނޫން ކަމަށާއި، އެކަމުން ދެވޭނެ އުނދަގުލެއް ނޯންނާނެ ކަމަށް ވެސް އެ ބަޔާނުގައި އަދާލަތު ޕާޓީން ބުނެފައިވެ އެވެ.
އަދާލަތު ޕާޓީން އަދި ބުނެފައި ވަނީ، އެ ޕާޓީ އަކީ އަމިއްލަ މަސްލަހަތަށްވުރެ ޤައުމުގެ ކަންކަން އިސްކުރާ ޕާޓީއެއް ކަމަށެވެ. އަދި ބަނގުރަލުގެ މައްސަލައިގައި ޕާޓީގެ ފަރާތުން ސަރުކާރަށް ފާޑުކިއުން ރައްދުވެގެން ދިޔައީ ސުލްހަވެރިކަމާއެކު އެކަން ޙައްލުކުރުމަށް ކުރެވުނު އެންމެހާ މަސައްކަތްތައް ސަރުކާރުން އަޑުނޭހެމުން ކަމަށާއި، މުޒާހަރާއަށް ގޮވާލީ، ދެތިން މީހެއްގެ މަޞްލަޙަތައްޓަކައި ދައުލަތުގެ ޤާނޫނުތަކާއި ޤަވާޢިދުތައް ބަދަލުކުރަން ފެށުމުން ކަމަށް ވެސް ބުނެފައިވެ އެވެ. އަދި އެ މުޒާހަރާގައި، ރައީސުލްޖުމްހޫރިއްޔާގެ ނުވަތަ ސަރުކާރުގެ އިސްތިޢުފާއަށް ގޮވައި ދައުލަތާ އިދިކޮޅު ޙަރަކާތެއް ހިންގާފައިނުވާނެ ކަމަށާއި، ދައުލަތުގެ މުއައްސަސާއަކަށް ގެއްލުންދީ އަލިފާން ބޯޅަ އުކައި ހަޑިހުތުރު ބަހުން ސަރުކާރާ މުޚާޠަބްކޮށްފައި ނުވާނެ ކަމަށް ވެސް ބުނެފައިވެ އެވެ. އަދި މުޅި ރާއްޖޭގައި އެއް އަޑަކުން އެއް ވަގުތެއްގައި ބަނގުރާ އަށް ނޫނެކޭ ބުނެ މުޅި ދުނިޔެ ސިއްސުވާލީ، އެކަމަށް ނިކުންނާނީ ހައެއްކަ މުއްލާއިން ކަމަށް ދެކި މަލާމާތްކުރަމުން ދަނިކޮށް ކަމަށާއި، އެފަދައިން ނުކުންނަން ޖެހިއްޖެ ހިނދެއްގައި އަދިވެސް ނިކުންނާނެ ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.
އަދި ޤައުމުގެ މުހިންމު ޝަހްސިއްޔަތުތަކަށް ފުރައްސާރަ ކުރުމާއި، ޤައުމީ މަހާސިންތާގެ ނިންމުންތަކާ ތައާރަޒުވާ ގޮތަށް ޤައުމީ މަންހަޖާ ކުޅެހެދުމާއި، ޢަރަބިއްޔާ ސްކޫލްގެ ދަރިވަރުން ހާލުގައި ޖެއްސުމާއި، ރާއްޖޭގެ އާދަކާދައިގައި ސާބިތުވެފައިވާ ހެޔޮކަންކަން ބަދަލުކުރުމާއި، އިންސާނީ ޙައްޤުތަކާއި ބައިނަލްއަޤުވާމީ މުޢާހަދަތަކާއި، އ.ދގެ ޤަރާރުތަކަށް ފުރަގަސްދީ މުސްލިމުންގެ މުޤައްދަސް މިސްކިތް އަލްމަސްޖިދުލްއަޤްޞާ އަށް އިހާނެތިކޮށް ހިތައި ހައްދުފަހަނައަޅާފައިވާ ޒަޔަނިސްޓުންގެ ދައުލަތަށް ރާއްޖެއިން ޖާގަ ދިނުމާއި، ސާނަވީ މަރްޙަލާގައި އެހެން ދީންތައް ކިޔަވާދިނުމާއި، ޤާނޫނު އަސާސީގައިބަޔާންވެގެންވާ އިސްލާމީ އުޞޫލުތަކާ ފުށުއަރާ ގޮތަށް ވެރިކަން ހިނގުމަކީ ގަބޫލުކުރެވޭނެ ކަމެއްނޫން ކަމަށް ވެސް އެ ބަޔާނުގައި ވެ އެވެ.
ފަހަކަށް އައިސް އެމްޑީޕީން ބާއްވާ އާއްމު ޖަލްސާތަކުގައި ވާހަކަ ދައްކަވާ އެޕާޓީގެ އިސް ބައެއް އެކްޓިވިސްޓުންނާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން އަދާލަތު ޕާޓީއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުގެން ދަވާފައިވެ އެވެ. އަދި އިސްލާމިކް މިނިސްޓްރީއާ ހަވާލުވެ ތިއްބަވާ އެ ޕާޓީގެ އިސް ބައެއް ފަރާތްތަކުގެ އިސްތިއުފާ އަށް ވެސް އެކި ފަހަރުމަތިން ގޮވާފައިވެ އެވެ.