ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން ބަންދު ކުރި އިންޑިއާގެ ޗެންނާއީގެ އެއާޕޯޓަށް، އަލުން ދަތުރުތައް ފެށުމަށް މޯލްޑިވިއަނުން ނިންމައިފި އެވެ.

އައިލެންޑް އޭވިއޭޝަނުން މިއަދު ބުނީ ދަތުރުތައް ވަގުތީ ގޮތުން މެދުކަނޑާލުމަށްފަހު އަންނަ ބުދަ ދުވަހު ދަތުރުތައް ފެށުމަށް ނިންމާފައިވާ ކަމަށެވެ.

ބުދަ ދުވަހު އަލުން ދަތުރުތައް ފެށުމަށް ނިންމާފައި ވާއިރު، އިސްކަން ދޭނީ ދަތުރުތައް މެދުކަނޑާލުމުގެ ކުރިން ޗެންނާއީއަށް ދިއުމަށް ޓިކެޓް ބުކް ކޮށްފައިވާ ފަރާތްތަކަށް ކަަމަށް އެ ކުންފުނިން ބުންޏެވެ.

މެދުކެނޑުމެއް ނެތި ވެހުނު ވާރޭގެ ސަބަބުން އެއާޕޯޓުގެ ރަންވޭގައި ފެންބޮޑުވުމުގެ ސަބަބުން ޗެންނާއީގެ އެއާޕޯޓު ބަންދުކުރަން އިންޑިއާގެ އެއާޕޯޓްސް އޮތޯރިޓީ (އޭއޭއައި) އިން ނިންމީ މިދިޔަ ހަފްތާގެ ބުދަ ދުވަހުއެވެ.

އެއަށްފަހު އެއާޕޯޓް ހުޅުވައި ދަތުރުތައް އަލުން ފަށާފައި ވަނީ އިއްޔެއެވެ.

ޗެންނާއީގައި ފެންބޮޑުވުމުގެ ސަބަބުން 325 މީހުން މަރުވި އެވެ. އިންޑިއާގެ އަސްކަރިއްޔާ އިން މިހާރު ދަނީ މީހުން ސަލާމަތް ކުރުމާއި ހާލުގައި ޖެހިފައިވާ މީހުންނަށް ކާނާ އާއި ބޭސް ފަރުވާ ފޯރުކޮށް ދިނުމުގެ މަސައްކަތް ކުރަމުންނެވެ.