07 Dec 2015, 19:54
ފްރާންސްގެ ވެރިރަށް ޕެރިހުގައި މިހާރު ކުރިއަށްދާ މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ 'ކޮޕް21' ސަމިޓަށް ކުދި ޖަޒީރާ ގައުމުތަކުން ހުށަހަޅާނެ ކަންތައްތަކާ ބެހޭ ގޮތުން މަޝްވަރާކޮށްފިއެވެ.
ކުދި ޖަޒީރާގައުމުތަކުގެ އިއްތިހާދު 'އެލަޔަންސް އޮފް ސްމޯލް އައިލެންޑް ސްޓޭޓްސް (އެއޯސިސް)ގެ ރިޔާސަތު ބަލަހައްޓާ ގައުމުގެ މަންދޫބެއްގެ ހައިސިއްޔަތުން އެ މަޝްވަރާތައް ކުރިއަށް ގެންދެވީ ރާއްޖޭގެ އެންވަޔަރްމެންޓް މިނިސްޓަރު ތާރިގު އިބުރާހީމެވެ.
ކުދިގައުމުތަކުން މަޝްވަރާކުރީ ކޮޕް 21 ގައި ގައުމުތަކުން ފާސްކުރަން ބޭނުންވާ ގާނޫނީ އެއްބަސްވުމަށް އެއޯސިސް އިން ހުށަހަޅާނެ ކަންތައްތަކާ ބެހޭގޮތުންނެވެ. އެ ގޮތުން ދުނިޔޭގެ ފިނިހޫނުމިން ކަނޑައެޅޭ މިންގަނޑެއްގަ ހިފަހެއްޓުމާ ބެހޭގޮތުންނާއި މޫސުމަށް އަންނަ ބަދަލުގެ ސަބަބުން ކުދި ގައުމުތަކަށް ލިބޭ ގެއްލުން ކުޑަކުރުމަށް ދެވޭ މާލީ އެހީއާ ބެހޭގޮތުން މަޝްވަރާ ކުރިއެވެ.
އެއޯސިސް އިން ބޭނުންވާ ކަންތައްތައް ހާސިލުކުރުމަށްޓަކައި އެއޯސިސްގެ ގައުމުތަކުން ގުޅިގެން އެއްއަޑަކުން އެކައްޗެއް ކިޔުމަކީ މުހިއްމުކަމެއްކަން މަޝްވަރާ ބައްދަލުވުމުގައި މިނިސްޓަރ ޠާރިޤް ފާހަގަކުރެއްވިއެވެ.
މޫސުމަށް އަންނަ ބަދަލުތަކާބެހޭ އ.ދ.ގެ މުޢާހަދާޔުނައިޓެޑް ނޭޝަންސް ފްރޭމްވާރކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް (ޔޫއެންއެފްސީސީސީ) ގެދަށުން އެކުލަވާލައި އަދި މިހާރުވެސް އަމަލުކުރެވެމުންދާ، ކިޔޯޓޯ ޕްރޮޓޮކޯލުގެ މުއްދަތު 2020 ވަނަ އަހަރުގެ ނިޔަލަށް ހަމަވާތީ، މިއެއްބަސްވުމުގެ ބަދަލުގައި އަމަލުކުރާނެ އައު ގާނޫނީ އެއްބަސްވުމެއް މިއަހަރުގެ ނިޔަލަށް އެކުލަވާލުމުގެ މަސައްކަތް ޕެރިހުގައި ދަނީ ކުރަމުންނެވެ. އެ އެއްބަސްވުން ކޮޕް 21 ގައި "އެޑަޕްޓް" ކުރުމަށް ވެސް ގައުމުތަކުން ދަނީ މަސައްކަތްކުރަމުންނެވެ.
އަލަށް އެކުލަވާލެވޭ ގާނޫނީ އެއްބަސްވުމަކީ، ކުދި އަދި ބިންތިރި ޖަޒީރާ ގާއުމުތަކުގެ މަސްލަހަތަށް ރިއާޔަތްކުރެވޭ އެއްބަސްވުމަކަށް ހެދުމަށް، އެއޯސިސްގެ މެންބަރު ގައުމުތަކާއެކު ރާއްޖެއިންދަނީ ބުރަ މަސައްކަތްތަކެއް ކުރަމުންނެވެ.