އެވިޑް ކޮލެޖަށް 10 އަހަރު ފުރުމުގެ މުނާސަބަތާ ގުޅުވަގެން ދެ ސްކޯލާޝިޕެއްގެ ފުރުސަތު އެޑިއުކޭޝަން މިނިސްޓްރީއާ ހަވާލު ކޮށްފި އެވެ.

މާސްޓާސް އޮފް އެޑިއުކޭޝަން އެންޑް ލީޑާޝިޕް މެނޭޖުމަންޓް ޕްރޮގްރާމްގެ ދެ ފުރުސަތު އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމް އާ ހަވާލުކޮށްދެއްވީ އެކަމަށް ޓަކައި މިއަދު އެޑިއުކޭޝަން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެވިޑް ކޮލެޖުގެ ޗެއާމަން އަބްދުﷲ މުސްތާޤު ރަޝާދު އެވެ.

އެ ދެ ސްކޯލާޝިޕް ފުރުސަތާ ބެހޭ ގޮތުން މީޑިއާ އަށް މައުލޫމާތު ދެމުން އެވިޑް ކޮލެޖުގެ ޗެއާމަން އަބްދުﷲ މުސްތާޤު ރަޝާދު ވިދާޅުވީ، މިއަދު ހަވާލު ކުރެވުނު ދެ ސްކޯލާޝިޕް ފުރުސަތައް މީހުން ހޮވުމަށް ދެ ކަމަކަށް އިސްކަން ދެއްވާނެ ކަމަށެވެ.

"ޚާއްސަގޮތެއްގައި ރާއްޖެ ތެރޭގައި މަސައްކަތް ކުރާ ބޭފުޅުންނަށް އިސްކަން ދޭނެ...ސްކޮލާޝިޕަށް ހޮވޭނީ އެންމެ މަތިން މާކްސް ހޯދާ ފަރާތަކަށް،" ރަޝާދު ވިދާޅުވި އެވެ.

ރަޝާދު ވިދާޅުވީ، އެވިޑް ކޮލެޖަށް 10 އަހަރު ފުރުމުގެ މުނާސަބަތާ ގުޅުވައިގެން އެ ކޮލެޖުން ހިންގާ ހުރިހާ ކޯސްތަކަކުން 50 ޕަސެންޓް ޑިސްކައުންޓު ވެސް ލިބިގެންދާނެ ކަމަށެވެ.

"ސަބަބަކީ ރަޖިސްޓްރޭޝަން ފީ އާއި މަހުގެ ފީ އެއްކޮށް ދެއްކުމަކީ ތަންކޮޅެއް ބޮޑަށް އުނދަގޫ ކަމަކަށް ވާނެތީވެ،" ރަޝާދު ވިދާޅުވި އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމް ވިދާޅުވީ، އެވިޑް ކޮލެޖުން އެ މިނިސްޓްރީ އާ މިއަދު ހަވާލު ކުރި ދެ ސްކޯލާޝިޕް ފުރުސަތަކީ، މިހާރު ޕްރިސިޕަލުންގެ ގޮތުގައި ސްކޫލްތަކުގައި މަސައްކަތް ކުރަން ބޭނުންވާ ފަރާތްތަކަށް ވަރަށް މުހިއްމު ފުރުސަތެއް ކަމަށެވެ.

"މި ފަދަ މާސްޓާސް ލެވެލް ޓްރެއިނިންގް އަދި ލީޑާޝިޕް ޓްރެއިނިންގް ހައްދަވައިގެން އެ ސްކޫލްތަކުގައި ތިއްބެވި ބޭފުޅުންނަށް އެ ސްކޫލްތައް ހިންގެވުމާއި އަދި ރައްޔިތުންނާ ގުޅިގެން މަސައްކަތް ކުރެއްވުމަށް ވަރަށް ބޮޑަށް ފަސޭހަވެގެންދާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

މިއަދުގެ ރަސްމިއްޔާތުގައި މިނިސްޓަރު ވަނީ، ސްކޫލްތަކުގައި މިހާރު ތިބި ޕްރިންސިޕަލުން ތަމްރީނު ކުރުމަށް އަމިއްލަ އިންސްޓިޓިއުޝަންތަކުން އެޑިއުކޭޝަން މިނިސްޓްރީއަށް ވެދެއްވާ އެހީތެރިކަން ފާހަގަ ކުރައްވައި އެ ފަރާތްތަކަށް ޝުކުރު އަދާކުރައްވައިފަ އެވެ.