އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ)ގެ ތެލުގެ އާމްދަނީން އިންޑިއާގެ ޖީއެމްއާރު ކުންފުނިން ސަރުކާރަށް ދައްކަން ޖެހޭ ފީ އަށް، ލުއިދިން މައްސަލައިގައި ދައުވާ ނުކުރަން ނިންމާފައި ވަނީ ކުރީގެ ޕްރޮސިކިއުޓާ ޖެނެރަލް މުހުތާޒު މުހުސިން ހުންނެވި ދުވަސްވަރު ކަމަށް ޕީޖީ އޮފީހުން ބުނެފި އެވެ.

ޕީޖީ އޮފީހުގެ އޮފިޝަލަކު މިއަދު ސަން އަށް ވިދާޅުވީ އެ މައްސަލާގައި ދައުވާ ނުކުރަން ނިންމިތާ ވަރަށް ގިނަ ދުވަސްވެފައިވާ ކަމަށާއި އެ ނިންމުން ނިންމެވީ ކުރީގެ ޕީޖީ މުހުތާޒު މުހުސިން ކަމަށެވެ.

"މިއަދު މީޑިއާތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުން ދޭހަވަނީ އެއީ މިހާރުގެ ޕްރޮސިކިއުޓާ ޖެނެރަލް ނިންމެވި ނިންމެވުމެއް ކަމަށް. އެހެންނަމަވެސް އެނިންމުން ނިންމިތާ ވަރަށް ގިނަ ދުވަސް ވަނީ ވެފައި. އެއީ ކުރީގެ ޕީޖީ މުހުތާޒު މުހުސިން ހުންނެވި އިރު ނިންމާފައިވާ ނިންމެވުމެއް،" އޮފިޝަލް ވިދާޅުވި އެވެ.

އެ މައްސަލާގައި ދައުވާ ކޮށްދިނުމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން އެދުނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގެ ފިނޭންސް މިނިސްޓަރު އަހްމަދު އިނާޒާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) ގެ އޭރުގެ ޗެއާމަން އިބްރާހިމް ސަލީމް (ކުޑަ ބަންދޭ) ގެ އިތުރުން އެ ކުންފުނީގެ ބޯޑު މެމްބަރުންގެ މައްޗަށެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަނުން ކުރިން ބުނެފައި ވަނީ ޖީއެމްއާރަށް އެލުއި ދިނުމުގެ ސަބަބުން 53.8 ރުފިޔާގެ އާމްދަނީއެއް ސަރުކާރަށް ގެއްލިފައިވާ ކަމަށެވެ.