ހިމާޔަތްކޮށްފައިވާ ސަރަހައްދެއްގެ ފުއްޓަރުން ނެރެއް ކެނޑި މައްސަލަ ހޫނުވެއްޖެ އެވެ.

މޮރިޝަސްގެ ހޮޓެލް ގްރޫޕަކުން ހިންގާ ލަކްސް އައިލެންޑް ރިސޯޓު(ދިއްދޫ ފިނޮޅު)ގެ މައި ފުއްޓަރުން ނެރެއް ކެނޑީ، ޑައިވާސް އެސޯސިއޭޝަނުން ބުނި ގޮތުގައި، ކުރިން އެންވަރަމަންޓް މިނިސްޓްރީ އިން އެ މަޝްރޫއުއަށް ހުއްދަ ނުދީވަނިކޮށް ކަމަށާއި ނަމަވެސް ގާނޫނަށް ގެނައި ބަދަލަށް ފަހު، ފަހުން އެ ހުއްދަ ޓޫރިޒަމް މިނިސްޓްރީ އިން ދިނުމުންނެވެ.

ޑައިވާސް އެސޯސިއޭޝަންގެ ބޯޑް މެމްބަރު އަލީ މިއުރާޖް އިއްޔެ ސަން އަށް ވިދާޅުވީ، އެ އެސޯސިއޭޝަންގެ ސަމާލު ކަމަށް އެކަން އައިސްފައި ވަނީ މިދިޔަ ހަފްތާގެ ތެރޭގައި ކަމަށާއި އެކަމާ ގުޅިގެން އެންވަޔަރަމެންޓް މިނިސްޓްރީ އާއި ޓޫރިޒަމް މިނިސްޓްރީއާ އެކު ވެސް މަޝްވަރާތަކެއްކޮށްފައިވާ ކަމަށެވެ.

"އަޅުގަނޑުމެން ފުރަތަމަ ދިޔައީ އީޕީއޭ އަށް. ދެން އެންވަޔަރަމެންޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކާ އަޅުގަނޑުމެން ބައްދަލު ކުރިން. ބައްދަލުވުމުން އެނގުނު ގޮތުން ލަކްސް އިން އޮތީ ދެ ފަހަރެއްގެ މަތިން ފަރު ކޮނުމުގެ ހުއްދައަށް އެދިފައި. މިނިސްޓްރީން ރިޖެކްޓް ކުރީމާ ދެން އެބޭފުޅުން ޓޫރިޒަމް މިނިސްޓްރީގެ ހުއްދައެއް ހޯދައިގެން ފަރު ކޮނެފައި އެ އޮތީ،" އޭނާ ވިދާޅުވި އެވެ.

ގާނޫނުނަށް ގެނައި ބަދަލާ އެކު، އެންވަރަމަންޓް އިމްޕެކްޓް އެސެސްމަންޓް ރިޕޯޓް ހުށަހަޅަން ޖެހެނީ ޓޫރިޒަމް މިނިސްޓްރީ އަށެވެ. އަދި އެ ހުއްދަ ދެނީ ވެސް އެ މިނިސްޓްރީ އިންނެވެ.

މިއުރާޖް ވިދާޅުވީ އެފަދަ މައްސަލަތައް ދިމާވާތީ، އެންވަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އަށް ކުރިން ގާނޫނުން ލިބިދީފައިވާ ހުރިހާ ބާރުތައް އަލުން އަނބުރާ ދިނުމަށް ސަރުކާރަށް އެސޯސިއޭޝަނުން އިލްތިމާސް ކުރާ ކަމަށެވެ.

ޑައިވާސް އެސޯސިއޭޝަނުން ބުނެފައި ވަނީ ފަރު ކޮނުމުގެ ސަބަބުން ތިމާވެއްޓަށް ބޮޑެތި ގެއްލުންތަކެއް ލިބޭނެ ކަމަށެވެ. އެގޮތުން ފަރު ކޮނުނު ހިސާބުން ވެއްޔާއި އެހެނިހެން ސެޑިމެންޓްތައް ފައިބައި ފަރު ހަލާކުވާނެތީ އެކަން އެންވަޔަރަމެންޓް މިނިސްޓްރީގެ ސަމާލުކަމަށް ގެނެސްފައި ވާނެ ކަމަށް ވެސް މިއުރާޖް ވިދާޅުވި އެވެ.

ލަކްސް ރިސޯޓުގެ ފަރު ކޮނެފައި ވަނީ ޑައިވަރުންނާއި ސްނޯކްލިން އަށްދާ ފަރާތްތަކަށް ފަސޭހައިން ފަރުގެ ބޭރަށް ދެވޭނެ ގޮތް ހެދުމަށް ކަމަށްވެ އެވެ. ނަމަވެސް އެއީ ނުރައްކާތެރި ކަމެއް ކަމަށް ޑައިވާސް އެސޯސިއޭޝަނުން ބުންޏެވެ.

"ގަވާއިދާ ހިލާފަށް މެރިން ޕްރޮޓެކްޓެޑް އޭރިއާއަކަށް އެކްސެސްވާ ގޮތަށް [ނެރު ކަނޑާފައި މި އޮތީ. އަސްލު ކަނޑާފައި އޮތް ކެނޑުން އެއީ ޕްރޮޓެކްޓެޑް [ހިމާޔަތްކޮށްފައިވާ] ހިސާބުން ފެށިގެން ބޭރު. ރާޅު ބިންދާ ހިސާބުން ފެށިގެން 200 މީޓަރު ކަނޑަށްވާ ގޮތަށް އެ އޮންނަނީ ޕްރޮޓެކްޓެޑް އޭރިއާ. އެ އޭރިޔާއަށް ގާނޫނާ ހިލާފަށް އެކްސެސް މި ލިބެނީ،" އޭނާ ވިދާޅުވި އެވެ.

ލަކްސް ސައުތު އަރި އެޓޯލް ރިސޯޓުގެ ފަރު ކޮނެ ނެރެއް ކަނޑާފައި - ފޮޓޯ: ޑައިވާސް އެސޯސިއޭޝަން

އަރިއަތޮޅު ދެކުނު ބުރީން މާމިގިލީ ބޭރާއި ދިގުރަށު ބޭރު އޭރިޔާއަކީ ރާއްޖޭގައި ހިމާޔަތް ކޮށްފައިވާ އެންމެ ބޮޑު މެރިން ސަރަހައްދެވެ. އަދި މިއީ މުޅި އަހަރު ދުވަހު އެއްކޮށް ވެސް ވޭލް ޝާކް ފެންނަ ހަމަ އެކަނި ސަރަހައްދު ކަމަށް ޑައިވާސް އެސޯސިއޭޝަނުން އިން ބުންޏެވެ.

މިއުރާޖް ވިދާޅުވީ މިނިސްޓްރީތަކާ ބައްދަލުކުރުމުން، އެންވަޔަރަމެންޓް މިނިސްޓަރު ތާރިގު އިބްރާހީމް ވިދާޅުވެގެން ފަރު ކޮނުމުގެ މަސައްކަތް މިހާރު ހުއްޓުވާފައިވާ ކަމަށެވެ.

އެ މައްސަލައާ ގުޅޭ ގޮތުން ޓޫރިޒަމް މިނިސްޓްރީ، އަދި ލަކްސް ރިސޯޓްގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.