07 Dec 2015, 13:55
ކަރާކަސް (ޑިސެމްބަރު 7): ވެނެޒުއޭލާގެ ގާނޫނު ހަދާ ނެޝަނަލް އެސެމްބްލީގެ ގިނަ ގޮނޑިތައް އިދިކޮޅު ޑިމޮކްރަޓިކް ޔުނިޓީ ކޯލިޝަން އިން ކާމިޔާބު ކޮށްފި އެވެ.
އިއްޔެ ބޭއްވި އިންތިހާބުގައި ގާނޫނު ހަދާ މަޖިލީހުގެ 167 ގޮނޑީގެ ތެރެއިން 99 ގޮނޑި ކާމިޔާބު ކޮށްފައި ވަނީ އިދިކޮޅު ޑިމޮކްރަޓިކް ޔުނިޓީ ކޯލިޝަނުންނެވެ. ވެރިކަން ކުރާ ޔުނައިޓެޑް ސޯޝަލް ޕާޓީ އޮފް ވެނެޒުއޭލާ (ޕީއެސްޔޫވީ) އަށް ލިބިފައި ވަނީ 46 ގޮނޑި އެވެ. ބާވީސް ސަރަހައްދެއްގެ ވޯޓުގެ ނަތީޖާ އަދި ހާމަކޮށްފައި ނުވެ އެވެ.
އިންތިހާބުގެ ނަތީޖާ އިއްޔެ ރޭ އާއްމުކުރުމާއެކު ވެނެޒުއޭލާގެ ރައީސް ނިކޮލަސް މަޑޫރޯ ވަނީ އިންތިހާބުގެ ބަލި ގަބޫލު ކުރައްވާފަ އެވެ. ރައީސް މަަޑޫރޯ 2013ގައި ވެރިކަމަށް އަރައިވަޑައިގަތުމުން ސަރުކާރާ އިދިކޮޅު ފަރާތްތަކުން މިދިޔަ އަހަރު ކުރި މުޒާހަރާތަކުގައި 43 މީހަކު މަރުވި އެވެ.
ވޯޓުގެ ނަތީޖާ އިއުލާން ކުރުމާއެކު ގިނަ ބަޔަކު ވަނީ މަގުމައްޗަށް ނިކުމެ އުފާ ފާޅުކޮށްފަ އެވެ.
އިދިކޮޅު ފަރާތްތަކުން ވަނީ ވޯޓުތައް ގުނާ ނިމޭ އިރު މުޅިއަކު 113 ގޮނޑި ނުވަތަ މަޖިލީހުގެ ތިންބައިކުޅަ ދެބައި ކާމިޔާބު ވާނެ ކަމަށް ލަފާކޮށްފަ އެވެ.