ލޯކަލް ކައުންސިލްގެ އިންތިހާބު ހއ. ކެލާގައި އަލުން ބޭއްވުމަށް ހައި ކޯޓުން ކުރި ހުކުމާ އެއްގޮތަށް ކައުންސިލް އިންތިހާބުގެ ވޯޓުލުން މިއަދު ހެނދުނު އެ ރަށުގައި ފަށައިފި އެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު މިއަދު ވިދާޅުވީ ކުރިން ވެސް ރޭވިފައިވާ ގޮތަށް ހެނދުނު 8:00 އިން ފެށިގެން ކެލާގައި ވޯޓުލުން ކުރިއަށްދާ ކަމަށާއި ހުރީހާ ކަމެއް ވެސް ދަނީ ކުރިން ރޭވިފައިވާ ގޮތަށް ވަރަށް އޮމާންކަމާއި އަމާންކަމާ އެކު ކަމަށެވެ.

"ވަރަށް އަމާން އޮމާންކޮށް މަސްރަހު ފެންނަނީ. ކުރިން ވެސް ހަމަޖައްސާފައި އޮތް ގަޑިއަށް ވޯޓުލުން ފަށައިގެން ކުރިއަށް އެބަދޭ. އެއްވެސް މައްސަލައެއް ދިމައެއް ނުވޭ،" ފުއާދު ވިދާޅުވި އެވެ.

ފެބުރުއަރީ 5 ވަނަ ދުވަހުގެ އިންތިހާބުގައި ދިމާވި މައްސަލަތަކާ ގުޅިގެން ހައިކޯޓުން އެ ރަށުގެ އިންތިހާބު ބާތިލްކޮށް މިއަދު އަލުން އިންތިހާބު ބާއްވާއިރު ވޯޓުލުމުގެ ހުރިހާ ކަމެއް ވެސް ކުރަނީ އިލެކްޝަންސް ކޮމިޝަންގެ އިސް އޮފިޝަލުން ހިމެނޭ ވަފުދަކުންނެވެ. އެގޮތުން ކެލާ ސްކޫލުގަ އާއި އަދި ޕްރީ ސްކޫލްގައި ބަހައްޓާފައި ހުރި ފޮށީގައި އިލެކްޝަންސް ކޮމިޝަންގެ ހަތް އޮފިޝަލަކު ހަރަކާތްތެރިވަމުން އަންނަ ކަމަށް ފުއާދު ވިދާޅުވި އެވެ. އަދި ވިދާޅުވީ ކެލާ ރަށު ކައުންސިލް އިދާރާގައި ގާއިމްކޮށްފައިވާ ކޮމްޕްލެއިންސް ސެންޓަރުގައި ތިން އޮފިޝަލަކު ހަރަކާތްރެރިވަމުން އަންނަ ކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނީ ކޮންމެ ފޮއްޓަކަށް ވޯޓުލުމަށް ވެސް 520 މީހަކު ރަޖިސްޓްރީ ކޮށްފައިވާ ކަމަށެވެ.

ވޯޓުގެ ކިއު ބަންދުވާނީ ހަވީރު ހަތަރެއްޖަހާއިރު އެވެ. ނަމަވެސް އެވަގުތު ކިއުގައި ތިބި މީހުން ވޯޓުލައި ނިމެންދެން ވޯޓުލުން ކުރިއަށްދާނެ ކަމަށް އިލެކްޝަންސް އިން ބުނެ އެވެ.

އިލެކްޝަންސް ކޮމިޝަނުން ވަނީ ކެލާގައި އަލުން މިއަދު ވޯޓުލުން ކުރިއަށްދާއިރު ހުރިހާ ފަރާތަކުން ވެސް މަޑުމައިތިރިކަމާއި ގަވާއިދާ އެއްގޮތަށް އަމަލުކުރުމަށް އިއުތިމާސްކޮށްފަ އެވެ.

މާލޭގައި ދިރިއުޅޭ ކެލާގެ ރައްޔިތުންގެ ތެރެއިން ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ވޯޓުލުމަށް އެ ރަށަށް ގޮސްފަ އެވެ.