07 Dec 2015, 13:53
ހއ. އުތީމު ބަނދަރު ސަރަހައްދުގައި ސިފައިން ހަދާ ކަޅުއޮއްފުންމީގެ ހަނދާނީ ބިނާގައި 36 ފޫޓު ހުންނާނެ ކަމަށާއި މިހާރު ބިނާގެ ބޮޑުބައި ނިމިފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.
ޑިފެންސް މިނިސްޓްރީ އާއި ހޯމް މިނިސްޓްރީގެ އިތުރުން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް ގުޅިގެން، ސިފައިން ހއ. އުތީމުގައި ހަދަމުންދާ ކަޅުއޮއްފުއްމީގެ ހަނދާނީ ބިނާގެ މަސައްކަތް ފަށާފައި ވަނީ މިދިއަ މަހު 25 ގަ އެވެ.
އެމްއެންޑީއެފުން ބުނީ "މުޅި އުތީމުގެ ބަނދަރު ސަރަހައްދަށް އިތުރު ފުރިހަމަ ކަމެއް ގެނުވާނެ ބިނާއަކަށް ވެގެންދާނެ،" ކަމަށެވެ.
ސިމެންތިން ކޮންކްރީޓް ކޮށްގެން ހަދާ އެބިނާގައި "ކަޅުއޮއްފުންމީ"ގެ ހުންގާނާއި ކުނބު ހުންނާނީ ލަކުޑިން ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފަ އެވެ. އަދި ބިނާގެ ތައްގަނޑަށް ކޮންކްރީޓް އަޅައި، މިހާރު ނިމިފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
ގައުމީ ދުވަހަށް ރަސްމީކޮށް، އުތީމު ބަނދަރު ސަރަހައްދުގައި ބިނާ ހުޅުވުމަށް ސަރުކާރުން ވަނީ ނިންމައިފަ އެވެ.
އެ ބިނާގެ އިތުރުން ރާއްޖޭގެ މިނިވަން ކަމަށް ޖިހާދު ކުރެއްވި އުތީމު ބޮޑުތަކުރުފާނު ދަތުރުކުރެއްވި ކަޅުއޮއްފުންމިއާ އެއްގޮތަށް ހދ. ނޭކުރެންދޫގައި ބަދެފައިވާ ކަޅުއޮށްފުންމި ވެސް ގައުމީ ދުވަހަށް އުތީމަށް ގެންދާނެ ކަމަށް ހޯމް މިނިސްޓްރީ އިން ވަނީ ބުނެފަ އެވެ.