07 Dec 2015, 13:18
ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ރިސޯޓު ހަދަން ހަތް ރަށެއް ބަޔަކަށް ދިން މައްސަލައިގެ ތަހުގީގު ނިންމައި ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހަށް ފޮނުވައިފި އެވެ.
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން (އެމްއެމްޕީއާރްސީ)ގެ ކޮރަޕްޝަންގެ މައްސަލަތަކުގެ ތެރޭގައި ހިމެނޭ އެ މައްސަލަ ފުލުހުން ތަހުގީގު ކުރުމަށްފަހު، ދައުވާ ކުރަނީ ކޮން ބައެއްގެ މައްޗަށް ކަމެއް އަދި ނޭނގެ އެވެ. ކޮރަޕްޝަނަށް ދޫކުރި ރަށްތަކުގެ ތަފްސީލެއް ވެސް އަދި ނުލިބެ އެވެ.
ޕީޖީ އޮފީހުގެ އޮފިޝަލަކު މިއަދު ސަން އަށް ވިދާޅުވީ އެ މައްސަލައް އެ އޮފީހަށް ލިބިފައި ވަނީ މިދިޔަ އާދީއްތަ ދުވަހު ކަމަށާއި އެ މައްސަލަތައް ދިރާސާކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ.
ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ހަތް ރަށެއް ރިސޯޓު ހަދަން ދޫކުރި މައްސަލައެއް ޕީޖީ އޮފީހަށް ފޮނުވާފައިވާއިރު، މާލެ އަތޮޅުގެ ފަޅެއް ޓޫރިސްޓު ރިސޯޓެއް ތަރައްގީކުރަން ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ރާއްޖެއިން ބޭރުގެ ބަޔަކަށް ދޫކުރުމަށްފަހު ލިބުނު ފައިސާ ނަހަމަގޮތުގައި ބޭނުންކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލާގައި އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތާއި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އަބްދުލް ޣަފޫރުގެ މައްޗަށް އިއްޔެ ވަނީ ދައުވާ އުފުލައިފައެވެ.