އާންމު މީހަކު ސިޓީ އުރައެއްގައި ގެންގުޅުނު 4،500 ޑޮލަރާއި 1،200 ޑޮލަރުގެ އިތުރަށް ގިނަ އަދަދެއްގެ ބޭރު ފައިސާތަކެއް ހަނދާން ނެތިގެން ޓެކްސީ އެއްގެ ތެރެއަށް ދޫކޮށްލެވުމުން އެ ފައިސާ އޭގެ ވެރިފަރާތަށް ހަވާލުކޮށްފި އެވެ.

ފުލުހުން މިއަދު އާންމު ކުރި ބަޔާނެއްގައި ބުނީ އެ ހާދިސާ ހިނގާފައި ވަނީ މިދިޔަ ހުކުރު ދުވަހު ކަމަށާއި ޓެކްސީ ތެރެއަށް ފައިސާތަކެއް ދޫކޮށްލެވިފައި ވަނީ އެސްޓީއޯ ޓްރޭޑް ސެންޓަރުން ގަލޮޅުގައި ހުރި ގެއަކަށް އެ މީހާ ދިޔަ މަގުމަތީގައި ކަމަށެވެ.

ނަމަވެސް އެ މީހަކީ ކާކު ކަމެއް ފުލުހުން ނުބުނެ އެވެ.

ޓެކްސީގެ ފަހަތު ސީޓުން ފެނުނު ސިޓީ އުރައިގައި 4500 ޔޫރޯ އާއި 1200 ޔޫއެސް ޑޮލަރުގެ އިތުރަށް 44590 ތައިބާތު އާއި 500 ސައުދީ ރިޔާލްގެ އިތުރުން 100 އޮސްޓެރޭލިއަން ޑޮލަރު ހުރި ކަމަށް ފުލުހުން ބުނެ އެވެ.

ފުލުހުން ބުނެފައި ވަނީ ފައިސާ އާ އެކު ސިޓީ އުރަ ޓެކްސީގެ ފަހަތު ސީޓުގައި އެ މީހާ އަށް ބޭއްވުނީ ހަނދާން ނެތިގެން ކަމަށާއި ފަސިންޖަރަށް އެކަން އެނގުނު ހިސާބުން ފުލުހުންނަށް މައްސަލަ ހުށަހެޅި ކަމަށެވެ.

އެ ދަތުރަށް ފަހު އެ ޓެކްސީއަށް ދަތުރަކު އަރާފައި ވަނީ މޯލްޑިވިއަންގައި މަސައްކަތްކުރާ ބިދޭސީ މުވައްޒަފެއް ކަމަށާއި އެ މުވައްޒަފަށް އެ ސިޓީއުރަ ފެނުމާ އެކު މުވައްޒަފު ވަނީ މޯލްޑިވިއަންގައި އެމުވައްޒަފުގެ މަސައްކަތް ސުޕަވައިޒްކުރާ އިސްފަރާތަށް އެ މަޢުލޫމާތު ދީފައި ކަމަށް ފުލުހުން ބުންޏެވެ.

ސުޕަވައިޒްކުރާ ފަރާތުން ވަނީ ފައިސާގެ ވެރިފަރާތެއް ހޯދުމަށް ފުލުހުންނަށް ހުށަހަޅައިފަ އެވެ.

އެހެންކަމުން ފައިސާ ގެއްލިގެން މައްސަލަ ހުށަހެޅި ފަރާތާއި ފައިސާގެ ވެރިފަރާތް ނޭނގިގެން މައްސަލަ ހުށަހެޅި ދެފަރާތާ ވާހަކަ ދެކެވި، އެ ފައިސާ އޭގެ ވެރިފަރާތަށް ހަވާލުކޮށްފައިވާ ކަމަށް ފުލުހުން ބުނެ އެވެ.