07 Dec 2015, 12:07
ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ ދެކަނބަލުންގެ އަމިއްލަ ހަރަދުގައި އެކަނިވެރި މައިންނަށް މިހާތަނަށް 700،000 އަށް ވުރެ ގިނަ ރުފިޔާ ހަދިޔާކޮށްފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ރަސްމީގެކޮޅު، މުލިއާގެއިން ބުނެފި އެވެ.
މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ދޫކުރާ އެ އިނާޔަތް ލިބެނީ އެކަނިވެރިމައިންގެ ބެލެނިވެރިކަމުގައި ތިބި 18 އަހަރު ނުފުރޭ ކޮންމެ ކުއްޖަކަށް 1،000 ރުފިޔާގެ މަގުންނެވެ. އިނާޔަތް ދޫކުރުމުގައި ބަލަނީ 1999 ވަނަ އަހަރުގެ ޖެނުއަރީން ފެށީގެން 2012 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް ދަރިން ލިބިފައިވާ އެކަނިވެރިން މައިންނަށެވެ.
މުލިއާގެއިން "ސަން"އާ ވާހަކަދެއްކި އޮފިޝަލަކު މިއަދު ވިދާޅުވީ މިދިޔަ ބުރާސްފަތި ދުވަހުގެ ފެށިގެން އިއްޔެގެ ނިޔަލަށް އެކަނިވެރިމައިންގެ ގޮތުގައި ތިބި 521 ބެލެނެވެރިޔަކަށް ފައިސާ ދޫކޮށްފައިވާ ކަމަށެވެ. އެ ބެލެނެވެރިންގެ ބެލުމުގެ ދަށުގައި ތިބި 790 ކުދިންނަށް ޖުމްލަ 790،000 ރުފިޔާ ދޫކޮށްފައިވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
ރައީސްގެ ދެކަނބަލުންގެ އަމިއްލަ ހަރަދުގައި ދެއްވާ އިނާޔަތް ކުރިއަށް ގެންދާނީ މުޅި ރާއްޖެ ކަވަރުކުރެވޭ ގޮތަށް ކަމަށް މުލިއާގެއިން ބުންޏެވެ. ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)ގައި 2012 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް އެކަނިވެރިމައިންގެ ގޮތުގައި 3،000 ވުރެ ގިނަ މީހުން ރަޖިސްޓްރީކޮށްފައިވެ އެވެ.
ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ދެކަނބަލުންގެ އަމިއްލަ ހަރަދުގައި އެކަނިވެރިމައިންނަށް އެހީ ދެއްވަނީ ހެޔޮއެދޭ ފަރާތްތަކުން ދޭ ފައިސާ އިން ކަމަށް ރައީސް އޮފީހުން ވަނީ ބުނެފަ އެވެ.