07 Dec 2015, 12:13
ރާއްޖޭގައި ސިވިލް އޭވިއޭޝަންގެ އިންޑަސްޓްރީ ހަލުވި ދުވެއްޔެއްގައި ކުރި އަރަމުން އަންނަ ކަމަށާއި ބައިނަލް އަގުވާމީ އުދުހުންތަކުގައި ދަތުރުކުރާ ފަސިންޖަރުންނަށް ވުރެ ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގައި ދަތުރުކުރާ މީހުންގެ އަދަދު މިހާރު އިތުރުވެފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު އަދި ސިވިލް އޭވިއޭޝަން އޮތޯރިޓީގެ މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.
ބައިނަލް އަގުވާމީ މަދަނީ ވައިގެ ދަތުރުފަތުރުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން މިނިސްޓަރު ޒަމީރު އާއްމުކުރެއްވި ޚިތާބެއްގައި ވިދާޅުވެފައި ވަނީ ރާއްޖެއަށާއި ރާއްޖޭން ބައިނަލް އަގުވާމީ ދަތުކުރާ ޕަސިންޖަރުންގެ އަދަދު އަހަރަކު 11 އިންސައްތަ އިތުރުވަމުން އަންނަ ކަމަށެވެ.
"ދިވެހި އޭވިއޭޝަންގެ ސިނާޢަތް ދަނީ ވަރަށް ހަލުވި ދުވެއްޔެއްގައި ކުރިއަރަމުންނެވެ. ބައިނަލް އަގުވާމީ އުދުހުންތަކުގައި ދަތުރުކުރާ ފަސިންޖަރުންގެ އަދަދު އެވްރެޖްކޮށް އަހަރަކު ދަނީ 11 އިންސައްތަ އިތުރުވަމުންނެވެ. ބައިނަލް އަގުވާމީ އުދުހުންތަކުގައި ދަތުރުކުރާ ފަސިންޖަރުންނަށް ވުރެ އެތެރޭގެ އުދުހުންތަކުގައި ދަތުރުކުރާ ފަސިންޖަރުންގެ އަދަދު މިހާރު ވަނީ އިތުރުވެފައެވެ،" ހިތާބުގައި ޒަމީރު ވިދާޅުވެފައި ވެއެވެ.
ރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ މަތިންދާބޯޓުގެ އަދަދު ފަސް އަހަރު ތެރޭގައި ދެގުނައަށް އިތުރުވެފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވެފައި ވެއެވެ. އެގޮތުން އެއަދަދު މިހާރު 79 އަކަށް އަރާފައިވާ ކަމަށް އޭނާ ވިދާޅުވެފައި ވެއެވެ.
ސިވިލް އޭވިއޭޝަން އިންޑަސްޓްރީ ކުރިއެރުވުމަށް ރާއްޖޭގައި މިހާރު ކުރަމުން އަންނަ މަސައްކަތްތަކުގެ ގޮތުގައި މިނިސްޓަރު ފާހަގަކުރައްވާފައި ވަނީ އިބުރާހީމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް ބޮޑުކޮށް ތަރައްގީ ކުރުމާއި ސިނާއަތުގެ ބައިވެރިން ގާއިމް ކުރަން ޖެހޭ ސޭފްޓީ މެނޭޖްމެންޓް ސިސްޓަމް ގާއިމް ކުރުމުގެ މަސައްކަތެވެ. އަދި އޮޕަރޭޝަންސް އަދި ފްލައިޓް ކްރޫ ލައިސަންސިން ގަވާއިދު ހަރުދަނާ ކުރުމާއި ޕަސިންޖަރުންގެ ހައްގުތަކާ ބެހޭ ގާނޫނެއް ޑްރާފްކުރުމަކީ ވެސް އެފަދަ މަސައްކަތެއްގެ ގޮތުގައި ފާހަގަ ކުރައްވާފައި ވެއެވެ.
"... ފަސިންޖަރުންގެ ހައްގުތަކާ ބެހޭ ބިލު އިރާދަކުރެއްވިއްޔާ ރައްޔިތުންގެ މަޖިލީހުގެ ދެން ފެށޭ ދައުރަކަށް ހުށަހެޅޭނެއެވެ،" ޒަމީރު ވިދާޅުވެފައި ވެއެވެ.