07 Dec 2015, 13:01
އަމާޒަށް ވާސިލް ވެވޭނީ، ހިތްވަރާއެކު މަސައްކަތްކޮށްގެންނެވެ. ކުޅިވަރުގައި ކާމިޔާބު ގުޅިފައި ވަނީ ހިތްވަރާއި އަޒުމަށެވެ. ޒުވާން ކުޅުންތެރިންގެ ސިކުނޑިތަކުގައި ހާސިލް ކުރަން ބޭނުންވާ ލަނޑުދަނޑިއަކީ "ރަން މެޑަލް" އެވެ. ކުޅިވަރުގައި ދެވޭ އެންމެ އުހަށް ދިއުމަށެވެ. ކާމިޔާބީއާ ހިސާބަށް ދިއުމަށް އެ ޖޯޝު ހިތުގައި އޮތުމަކުން ނިމުނީއަކީ ނޫނެވެ. ކުޅުންތެރިންނަށް ބޭނުންވާ ވަސީލަތްތައް ފުރިހަމަވާންޖެހެ އެވެ.
ބައިނަލްއަގުވާމީ މުބާރާތްތަކާ ކުރިމަތިލާން ތައްޔާރުވެފައި އޮތް ނެޓްބޯޅަ ޓީމުން ޝަކުވާ ކުރަނީ އެފަދަ ކަމަކާ އެވެ.
ރާއްޖޭގެ 21 އަހަރުން ދަށުގެ ނެޓްބޯޅަ ޓީމުގެ މެނޭޖަރު ފަޒުނާ ހަމީދު (ފަޒޫ) ވިދާޅުވީ ބައިނަލްއަގުވާމީ މުބާރާތްތަކަށް ކުރިމަތިލާން ތައްޔާރުވުމަށް ރާއްޖެއަށް އޮންނަ އެންމެ ބޮޑު ގޮންޖެހުމަކީ ވެލިކޯޓްގައި ކުޅުންތެރިން ޕްރެކްޓިސް ކުރަން ޖެހުން ކަމަށެވެ.
ސަން ޓީވީ 'ކުޅިވަރު' ޕްރޮގްރާމުގައި ވާހަކަ ދައްކަމުން ފަޒޫ ވިދާޅުވީ އިންޑޯ ކުޅިވަރެއް ކަމަށާއި ނަމަވެސް ރާއްޖޭގެ ޓީމު މުބާރާތްކުގައި ވާދަ ކުރަން ޖެހޭނީ އައުޓްޑޯ ވެލިކޯޓްގައި ޕްރެކްޓިސް ކުރުމަށްފަހުގައި ކަމަށާއި އެހެންވެ ފްލޯގެ މައްސަލަ ދިވެހި ކުޅުންތެރިންނަށް ކުރިމަތިވާނެ ކަމަށެވެ.
ގައުމީ ޓީމެއް ބިނާ ކުރަން ޖެހުނަސް އެންމެ ބޮޑު ގޮންޖެހުމަކީ ރަނގަޅު ގުރައުންޑެއް ނެތުން ކަމަށް ފަޒޫ ވިދާޅުވިއެވެ.
ފަޒުނާ ވިދާޅުވީ އައުޓްޑޯގައި ޕްރެކްޓީސް ކުރަން ޖެހުނަސް ގުރަންއުންޑް އޮންނަނީ އިންޓަނޭޝަނަލް މުބާރާތްކަށް ތައްޔާރުވެވޭ ފެންވަރަކަށް ނޫން ކަމަށެވެ.
"އިންޓަނޭޝަނަލް މުބާރާތްތަކުގައި އަލުގަނޑުމެންނަށް ޕާފޯމް ކުރަން ޖެހެނީ އިންޑޯއެއްގައި. ޖެހޭއިރު. އަލުގަނޑުމެން ޕްރެކްޓިސް ކުރަން މި ޖެހެނީ އައުޓްޑޯއެއްގައި. އެހެންވީމަ އެވާނެ ދެއްތޯ ވަރަށް ބޮޑު ގޮންޖެހުމަކަށް އައުޓްޑޯ ވެސް އަޅުގަނޑުމެންނަށް ކުޅެވޭ ކަހަލަ ގޮތަކަށް އޮންނަނަމަ. އެހެން ނަމަވެސް ގުރައުންޑު އޮންނަނީ އެގޮތަކަށް ނޫން" ކަންބޮޑުވުންތަކާއެކު ފަޒުނާ ވިދާޅުވިއެވެ.
ވެލިކޯޓެއްގައި ފަރިތަ ކުރުމަށްފަހު ސްމޫތު ކޯޓެއްގައި މުބާރާތް ކުޅެން ޖެހުމުން ޓީމަށް ޓެކްނިކަލީ ދިމާވާނެ މައްސލަތަކަކީ ކޮބައިތޯ ސުވާލު ކުރުމުން ފަޒޫ ވިދާޅުވީ ވެލީގައި ޕްރެކްޓިސް ކުރުމަށްފަހު އިންޑޯއަކަށް ވަދެ ކުޅެން ވެއްޖެނަމަ ކުޅުންތެރިންގެ ސްޕީޑަށާއި މެންޓަލީވެސް އަސަރު ކުރާނެ ކަމަށެވެ.
އަދި ކުޅުންތެރިންގެ ބީޕް ޓެސްޓް ހެދުމުން ވެސް އެތަފާތު ވަރަށް ބޮޑަށް ފެނިގެން ދިޔަ ކަމަށް ފަޒޫ ވިދާޅުވި އެވެ.
ނެޓްބޯޅަ ޓީމު ޕްރެކްޓިސް ކުރަމުން ގެންދަނީ ސޯޝަލް ސެންޓަރުގެ އައުޓްޑޯ ވެލި ކޯޓުގަ އެވެ.