ދ. ބަނޑިދޫ ރަށު ކައުންސިލްގެ އިދާރާ ބަލަހައްޓައި ފޯރިމަރަން އިން ވޮޗަރު ބަނުމަށް ފަހު އެ އިދާރާގައި ހުރި ދެ ތިޖޫރީ ފަޅާލައި 58000ރ. އަށް ވުރެ ގިނަ ފައިސާ ވަގަށް ގެންދިޔަ މައްސަލައިގައި ފުލުހުން ހަތަރު މީހަކު ހައްޔަރުކޮށްފި އެވެ.

ބަނޑިދޫ ކައުންސިލްގެ އޮފިޝަލަކު މިއަދު ވިދާޅުވީ އިއްޔެ ރޭގެ ބޮޑު ހާދިސާއާ ގުޅިގެން އެ ރަށުގައި ހަރަކާތްތެރިވާ 15 ފުލުހުން ހިމެނޭ ޓީމުން، އެ ރަށުގެ ހަތަރު މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ 18 އަހަރާއި 30 އަހަރާ ދެމެދުގެ މީހުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ފުލުހުން ހައްޔަރުކޮށްފައި ވަނީ ބަނޑިދޫ ހިޔާ، އަހުމަދު ހަފީޒު އާއި މާފަހި، އަހުމަދު ރިފްޝާން އާއި ދިރިމާގޭ ނިމާލް ރަޝީދާއި ބަނޑިދޫ މީހަކާ އިނދެގެން އުޅޭ، މާކަރީ ލައިޓް، އަބްދުﷲ އަފީފް ކިޔާ މީހެކެވެ. އޭނާއަކީ ލ. އިސްދޫ މީހެކެވެ.

"ހަތަރު މީހަކު މިހާތަނަށް ވަނީ ފުލުހުން ހައްޔަރުކޮށްފައި. އެ މީހުންގެ ތަހުގީގުތައް ކުރިޔަށް އެބަދޭ،" އޭނާ ވިދާޅުވި އެވެ.

އޮފިޝަލު ވިދާޅުވީ ހައްޔަރު ކުރި ހަތަރު މީހުންގެ ކުށުގެ ރިކޯޑްތަކެއް ނެތް ނަމަވެސް ރަށުގައި ކުރާ ކުށްތަކަށް ކުރިންސުރެ އެ މީހުންގެ މައްޗަށް ތުހުމަތު ކުރެވޭ ކަމަށެވެ. އެމީހުންނަކީ ރޭގަނޑު ނުނިދާ ރަށުތެރޭގައި ހޭލާ އުޅޭ ބައެއް ކަމަށް ވެސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ 58000ރ. އަކީ ދެ ތިޖޫރީން ފައިސާ ގެންގޮސްފައިވާ އަދަދު ކަމަށާއި އެހެނިހެން ގޮތްގޮތުން އިދާރާގެ ތެރެއިން އެކިވަރު ވަރަށް ފައިސާ ގެންގޮސްފައި ހުރުމުން ވަގަށް ގެންދިޔަ ފައިސާގެ އަދަދު 68000ރ. އަށް ވުރެ ގިނަވާނެ ކަމަށެވެ.

"އަޅުގަނޑަކަށް މުޅި ތަފުސީލެއް އަދިވެސް ސާފެއް ނުވޭ. ފުލުހުންގެ ފޮރެންސިކް ޓީމް ވަނީ އެތަން ބަންދުކޮށްފައި،" އޭނާ ވިދާޅުވި އެވެ.

ފުލުހުން ބަނޑިދޫގައި ތަހުގީގުތައް ފަށާފައިވާއިރު ފުލުހުންގެ ހުއްދައާ ނުލައި ބަނޑިދޫން އެއްވެސް މީހަކު ވަނީ ފުރައިގެން ދިއުން މަނާ ކޮށްފަ އެވެ.

ބަނޑިދޫ ކައުންސިލްގެ އިދާރާ ތެރެއަށް ވަދެ، އެ އިދާރާގެ ދެ ތިޖޫރީ ފަޅާލައި ފައިސާތައް ވަގަށް ގެންދިޔައީ، އެ އިދާރާ ބަލަހައްޓަން އިން ވޮޗަރު އަހުމަދު ހުސައިންގެ މޫނާ އަތާއި ފައި ޓޭޕުން ބަނދެ އަނިޔާކޮށް ޒަހަމް ކުރުމަށްފަހު ކައުންސިލަރުން ތިބޭ ބައިގައި ބޭއްވުމަށް ފަހު އެވެ.

އަހުމަދު ހުސައިންއާ ހަވާލާދީ އެ ރަށުން ވާހަކަ ދެއްކި މީހުން ބުނީ އިއްޔެ ރޭ މެންދަމުންއަލިވެ 3:00 ޖަހާ އެހާކަންހާއިރު ކައުންސިލްގެ ތެރެއަށް ބަޔަކު ވަނީ މޫނު ނިވާކޮށް، ބަރަހަނާއަށް ހަތް މީހުން ކަމަށާއި ކަމަށާއި އެ މީހުން އޭނާގެ އަނގަމަތީގައި ޖަހައި ފަޅާލުމަށް ފަހު ޓޭޕް ބޭނުންކޮށްގެން ބަނދެ ދެ ތިޖޫރީ ފަޅައިލީ ކަމަށެވެ.

މިހާދިސާއަށް ފަހު އުމުރުން 50 އަހަރުގެ އަހުމަދު ހުސައިން އަށް ސިއްހީ މަރުކަޒުގައި ފަރުވާ ދިނުމަށްފަހު މިހާރު ވަނީ ގެއަށް ދޫކޮށްލާފަ އެވެ.

"ނަފުސާނީ ގޮތުން އޭނާއަށް ގެއްލުންތައް ލިބިފައިވިޔަސް މިހާރު އޭނާގެ ހާލު ރަނގަޅު އެކަމަކު އޭނާގެ ގޭގެ ކައިރީގައި ފުލުހަކު ވެސް ވަނީ ބަހައްޓާފައި،" އޮފިޝަލު ވިދާޅުވި އެވެ.

އަހުމަދު ހުސައިނަކީ އެގްރިމެންޓެއްގެ ދަށުން މަހަކު 9500ރ. އަށް ރޭގަނޑު 6:00 އިން އިރު އަރަންދެން ކައުންސިލް އިދާރާގެ ފޯރިމަރަން ހުންނަ ފާރަވެރިޔާ އެވެ.

ބަނޑިދޫގައި މީގެ ކުރިން ވެސް ދެ ފަހަރެއްގެ މަތިން ތިޖޫރީ ފަޅާލާފައި ވެއެވެ. ކުރިން ފަޅާލާފައި ވަނީ ރަށު އޮފީހުގެ ތިޖޫރީ އާއި ސިއްހީ މަރުކަޒުގެ ތިޖޫރީ އެވެ.