ބެއިރޫތް (ޑިސެމްބަރ 7):އިއްޔެ ސީރިޔާގެ ރައްގާ ޕްރޮވިންސަށް އެމެރިކާ އިސްވެ އޮންނަ ކޯލިޝަނުން ދިން ކަމަށް ބެލެވޭ ވައިގެ ހަމަލާތަކުގައި އައިއެސްގެ 32 މީހަކު މަރުވެފައިވާ ކަމަށް ސީރިޔާގެ ހަނގުރާމަ މޮނީޓާ ކުރާ ގުރޫޕެއް ކަމަށްވާ ސީރިއަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސް އިން ބުނެފި އެވެ.

އިނގިރޭސިވިލާތުގައި ހުންނަ އެ އޮބްޒަވޭޓަރީ އިން ބުނި ގޮތުގައި އެމެރިކާ ކޯލިޝަން އިން އިއްޔެ ވަނީ އައިއެސް އިން ހިސާރުކޮށްފައިވާ ރައްގާ ޕްރޮވިންސުގެ ސަރަހައްދުތަކަށް 15 ހަމަލާ ދީފަ އެވެ. އެ ހަމަލާތަކުގައި އައިއެސްއަށް ނިސްބަތްވާ 32 މީހަކު މަރުވެ، 40 މެމްބަރުންނަށް އަނިޔާވި އެވެ.

އައިއެސްއާ ދެކޮޅަށް ހަނގުރާމަ ކުރަމުން އަންނަ ކޯލިޝަނުން ބުނި ގޮތުގައި އިއްޔެ އެކޯލިޝަނުން ހަމަލާތައް ދިނީ ސީރިޔާގެ އުތުރާއި ދެކުނުގެ ސަރަހައްދުތަކަށެވެ.

އިއްޔެ ރަޝިއާ އިން ވެސް ވަނީ އައިއެސް އިން ސީރިޔާގައި ވަޒަންވެރިވެފައިވާ ސަރަހައްދުތަކަށް 45 ވައިގެ ހަމަލާ ދީފަ އެވެ. އެ ހަމަލާތަކުގައި ލިބުނު ގެއްލުމުގެ ތަފްސީލުތައް އަދި ލިބިފައި ނުވާ ކަމަށް އޮބްޒާވޭޓަރީ އިން ބުންޏެވެ.

އައިއެސްއާ ދެކޮޅަށް ސީރިޔާގައި ކުރާ ހަނގުރާމައިގައި ބައިވެރިވުމަށް އިނގިރޭސިވިލާތުގެ ރައްޔިތުންގެ މަޖިލީހުން ފާސްކުރުމާ އެކު އިނގިރޭސިވިލާތުން ވެސް ވަނީ ސީރިޔާ އަށް ހަމަލާދޭން ފަށައިފަ އެވެ. އެގޮތުން މިދިޔަ ބުރާސްފަތި ދުވަހު ދިން ހަމަލާތަކުގައި އައިއެސްގެ ތެޔޮ ފީލްޑުތަކަށް ހަމަލާދީފައިވާ ކަމަށް އިނގިރޭސިވިލާތުން ބުންޏެވެ.

ރަޝިއާ އިން ސީރިޔާ އަށް ހަމަލާ ދޭން ފަށާފައި ވަނީ ސެޕްޓެމްބަރު 30ގަ އެވެ. ރަޝިއާ އިން ބުނާ ގޮތުގައި އެގައުމުން ހަމަލާދެނީ އައިއެސްއާ ދެކޮޅަށެވެ. ނަމަވެސް ހިއުމަން ރައިޓްސް ގުރޫޕުތަކުން ބުނާ ގޮތުގައި ރަޝިޔާގެ ހަމަލާތައް އަމާޒުކުރަނީ ސީރިޔާގެ މިހާރުގެ ރައީސް ބައްޝާރުލް އައްސަދުގެ ސަރުކާރާ ދެކޮޅު އާއްމުންނަށެވެ. (ރޮއިޓާސް)