07 Dec 2015, 12:33
އާސެނަލަށް ކުޅޭ ސްޕެއިންގެ މިޑްފީލްޑަރު ސަންޓި ކަޒޯލާ އަށް އަނިޔާވެ ތިން މަސް ދުވަހަށް ކުޅުމާ ދުރަށް ދާން ޖެހިއްޖެ އެވެ.
މިދިޔަ ހަފްތާގެ ހޯމަ ދުވަހުގެ ރޭ ރަށުން ބޭރުގައި ނޯވިޗް ސިޓީއާ 1-1 އެއްވަރުވި މެޗްގައި ކަޒޯލާގެ ކަކުލަށް އަނިޔާވެގެން ވަނީ ބާދަލުކޮށްފަ އެވެ. އާސެނަލްގެ ކޯޗް އާސެން ވެންގާ ބުނީ ކަޒޯލާގެ ކަކުލުގެ ލިގެމެންޓެއް ވަނީ ބިނދިފައި ކަމަށާއި ސާޖަރީއަށް ފަހު އެނބުރި ދަނޑަށް ނުކުތުމަށް އެންމެ މަދުވެގެން ވެސް ތިން މަސް ދުވަސް ނަގާނެ ކަމަށެވެ.
"ކަޒޯލާ ބޭނުންވޭ ވީހާ ވެސް އަވަހަކަށް އެނބުރި ކުޅުމުގެ ތެރެއަށް އަންނަށް. އެހެން ނަމަވެސް އޭނާ ބެއްލެވި ޑޮކްޓަރުގެ ލަފާގެ މަތިން ސާޖަރީއަކަށް ދިޔައީ. އެހެން ކަމުން ތިނެއް ނޫނީ ހަތަރު މަސް ނަގާނެ ކަމަށް ޑޮކްޓަރު ލަފާ ދެނީ މުޅިން ފިޓް ވާން،" ވެންގާ ބުންޏެވެ.
ކަޒޯލާގެ އިތުރުން އާސެނަލްގެ ގިނަ ކުޅުންތެރިންތަކަކަށް ވަނީ އަނިޔާގެ މައްސަލަ ކުރިމަތިވެފަ އެވެ. އޭގެ ތެރޭގައި ފްރާންސިސް ކޮކެލިން، ޑެނީ ވެލްބެކް، މިކެލް އާޓެޓާ، ޖެކް ވިލްޝަޔާ، ތިއޯ ވޮލްކޮޓް، ތޯމަސް ރޮސިކީ އަދި އެންމެ ފަހުން ކުޅުނު މެޗުގައި އަނިޔާވި ސަންޗޭޒް ވެސް ހިމެނެ އެވެ.
ވެންގާ ބުނީ ލީގުގައި ކުރިއަށް ވަރުގަދަ މެޗުތަކެއް ހުރި އިރު މުހިންމު ގިނަ ކުޅުންތެރިން ނުލައި ކުޅެން ޖެހުމަކީ ބޮޑު ގޮންޖެހުމަކަށް ވާނެ ކަމަށެވެ.
އާސެނަލް މި ވަގުތު އޮތީ 15 މެޗުން ލިބުނު 30 ޕޮއިންޓާ އެކު ލީގުގެ ދެވަނައިގަ އެވެ.