07 Dec 2015, 11:25
އަންނަ އަހަރުން ފެށިގެން ރާއްޖޭގެ ހަތަރު ސަރަޙައްދެއްގައި ދީނީ އިލްމުވެރިން ދާއިމީކޮށް ބައިތިއްބަން ސަރުކާރުން ނިންމައިފި އެވެ.
ސަރުކާރުން މިގޮތަށް ނިންމާފައިވާކަން ހާމަކުރައްވާފައި ވަނީ އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒިޔާދު ބާގިރު އެވެ.
ތިލަދުންމަތީ އުތުރުބުރީ ދިއްދޫގައި މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ބޭއްވި ޕީޕީއެމް ޖަލްސާގައި ވާހަކަ ދައްކަމުން މިނިސްޓަރ ވިދާޅުވީ މިއީ ދިވެހި އިސްލާމީ ޝަހްސިއްޔަތު ހަރުދަނާކުރުމުގެ އިތުރުން ދީނީ ރޫޙް އާލާކުރެއްވުމަށްޓަކައި ސަރުކާރުން ނިންމި ނިންމުމެއް ކަމަށެވެ.
އަންނަ އަހަރު ރާއްޖޭގެ ހަތަރުސަރަހައްދަކަށް ދީނީ އިލްމުވެރިން ފޮނުވަން ފެށުމަށް ނިންމާފައިވާ އިރު، މިހާރު ރާއްޖޭގެ ހަތަރު ދީނީ ޢިލްމުވެރިއަކު ތަމްރީން ކުރުމުގެ މަސައްކަތްވެސް ވަނީ ފަށާފައެވެ.
"އަންނަ އަހަރުން ފެށިގެން ރާއްޖޭގެ ހަތަރު ސަރަޙައްދެއްގައި އެ ހަތަރު ދީނީ ޢިލްމުވެރިން ދީނީ ފަތުވާ ދިނުމަށްޓަކައި ދާއިމީކޮށް ބައިތިއްބަވާނެ،" މިނިސްޓަރ ވިދާޅުވިއެވެ.
އޭގެ އިތުރުން، ރާއްޖޭގެ މިސްކިތްތަކުގެ އިމާމުންގެ ފެންވަރު ރަނގަޅުކުރުމަށް އަންނަ އަހަރުން ފެށިގެން އިމާމުންނަށް ޚާއްސަ ޑިޕްލޮމާ އަދި ޑިގްރީ ފެންވަރުގެ ކޯސްތަކެއް ފަށާނެކަމަށްވެސް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ. އަދި "ދަ މެސެޖް" ޕްރޮގްރާމްގެ ދަށުން މިމަހު ރާއްޖެ އަންނަ ދެ އިލްމުވެރިން މާލޭގެ އިތުރުން އަތޮޅުތެރޭގައިވެސް ތަގުރީރު ކުރައްވާނެ ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.