ވޮޝިންޓަން (ޑިސެމްބަރު 7): ޓެރަރިޒަމްއާ ދެކޮޅަށް ކުރާ ހަނގުރާމަ އަކީ އެމެރިކާ އިން އިސްލާމް ދިނާ ދެކޮޅަށް ކުރާ ހަނގުރާމައަކަށް ހަދައިގެން ނުވާނެ ކަމަށް އެމެރިކާގެ ވައިޓް ހައުސްގައި ރައީސް ބަރަކް އޮބާމާ އިއްޔެ ދެއްވި ހިތާބެއްގައި ވިދާޅުވެއްޖެ އެވެ.

ޓީވީ މެދުވެރިކޮށް ދެއްވި ހިތާބުގައި އޮބާމާ ވަނީ އެމެރިކާގެ ކެލިފޯނިއާގައި 14 މީހަކު މަރާލި ހަމަލާއަކީ "ކުށެއް ނެތް އާއްމުން މެރުމަށް ދިން ޓެރަރިސްޓް ހަމަލާއެއް" ކަމަށް ވިދާޅުވެފަ އެވެ.

ނަމަވެސް އެ ހަމަލާތަކުގެ ސަބަބުން އެމެރިކާގައި ދިރިއުޅޭ މުސްލިމުންނާ މެދު ޝައްކު އުފައްދައި ރުޅިވެރިވެ، މުޖުތަމައުން މުސްލިމުން ބާކީ ކޮށްގެން ނުވާނެ ކަމަށާއި މުސްލިމުންނާ ދެކޮޅުވެރިވުމަކީ ހައްދުފަހަނައަޅާފައިވާ ޖަމާއަތްތަކުން ބޭނުންވާނެ ގޮތް ކަމަށް ވެސް އޮބާމާ ވިދާޅުވި އެވެ.

"[ޓެރަރިޒަމް އާ ދެކޮޅަށް ކުރާ] ހަނގުރާމައަކީ އެމެރިކާ އިން އިސްލާމް ދީނާ ދެކޮޅަށް ކުރާ ހަނގުރާމައެއްގެ ގޮތުގައި ސިފަކޮށް [މުސްލިމުންނާއި އެހެން ދީންތަކުގެ މީހުން] ދެކޮޅުވެރިވެގެން ނުވާނެ،" އޮބާމާ ވިދާޅުވި އެވެ.

މީގެ އިތުރުން، އޮބާމާ ވަނީ ޓެރަރިޒަމްގެ ނުރައްކަލުން ސަލާމަތްވުމަށް އައިއެސް ނައްތާލާނެ ކަމަށްވެސް ވިދާޅުވެފަ އެވެ.

"ޓެރަރިޒަމްގެ ނުރައްކަލަކީ އަސްލު ނުރައްކަލެއް. ނަމަވެސް، އަޅުގަނޑުމެން (އެ ނުރައްކަލުން) އަރައިގަންނާނަން. އަޅުގަނޑުމެން އައިއެސްއައިއެލްއާއި އެނޫން ވެސް އެމެރިކާއަށް ހަމަލާދޭން މަސައްކަތް ކުރާ ޖަމާއަތްތަށް ނައްތާލާނަން،" އޮބާމާ ވިދާޅުވި އެވެ.

އަދި އައިއެސްއާ ދެކޮޅަށް ސީރިޔާގައި ކުރާ ހަނގުރާމައިގައި އެމެރިކާގެ ކޯލިޝަނުންދޭ ހަމަލާތައް ވަރުގަދަކޮށްފައިވާ ކަމަށާއި ސީރިޔާއާއި އިރާގުގައި ދިރިއުޅޭ އައިއެސްއާ ދެކޮޅު ފަރާތްތަކަށް ހަތިޔާރު ފޯރު ކޮށްދިނުމުގެ މަސައްކަތް ވެސް އެމެރިކާގެ އަސްކަރިއްޔާ އިން ކުރަމުންދާ ކަމަށް އޮބާމާ ވިދާޅުވި އެވެ.

މައުލޫމާތު: ބީބީސީ