ބަނގުރާ ގެންގުޅެ އަދި އެތަކެތި ބޭނުން ކުރި ކަމުގެ ތުހުމަތުގައި ބިދޭސީއަކާއި ދިވެހި އަންހެނަކު މާލޭގެ ގެސްޓު ހައުސްއަކުން ހައްޔަރުކޮށްފިއެވެ.

އެގޮތުން އެ މައްސަލާގައި ހައްޔަރުކޮށްފައި ވަނީ 32 އަހަރުގެ ބިދޭސީ ފިރިހެނަކާއި 23 އަހަރުގެ ދިވެހި އަންހެނެއް ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

އެ މީހުންގެ ވަނަވަރެއް ފުލުހުން ހާމަކޮށްފައި ނުވެ އެވެ.

ފުލުހުން ބުނީ އެ ދެ މީހުން ހައްޔަރުކޮށްފައި ވަނީ ލިބުނު މައުލޫމާތަކާއި ގުޅިގެން މާލެ ތެރެ ޕެޓްރޯލް ކުރި ފުލުހުން ކުރި މަސައްކަތުން ކަމަށެވެ.

ބަނގުރާ ފުޅި ފެނިފައި ވަނީ އެ ދެ މީހުން ތިބި ކޮޓަރި ބަލައި ފާސްކުރަނިކޮށް ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލަ ފުލުހުންގެ ޑްރަގް އެންފޯސްމަންޓު ޑިޕާޓުމަންޓުން ތަހުގީގު ކުރަމުން އަންނަ އިރު، އިއްޔެ ވެސް ވަނީ ގިނަ އަދަދެއްގެ ބަނގުރާ ފުޅިތަކާއެކު މީހަކު ހައްޔަރު ކޮށްފައެވެ.