މޮރީނިއޯއަކީ ހުނަރުގެ ގޮތުން މޮޅު ޓެކްޓީޝަނެކެވެ. އޭނާއަކީ ހަތަރު ގައުމެއްގައި ލީގް ކާމިޔާބު ކުރުމުގެ ރެކޯޑު އޮތް ކޯޗެވެ. އަމިއްލަ ގައުމުގެ ޕޮޓޯއިން ކޯޗިން ކެރިއާ ފެށި މޮރިނިއޯ ވަނީ ޗެލްސީގެ އިތުރުން ޕޯޓާއަށްއި ރެއާލު މެޑްރިޑް އަދި އިންޓަމިލާންއަށް ކާމިޔާބު ހޯދައިދީފަ އެވެ.

ޗެލްސީއާ ގުޅި އޭނާ ކުރި މަސައްކަތުގެ ސަބަބުން އޭނާ ވެފައި ވަނީ ޗެލްސީގެ ވެރިޔާ ރަޝިއާގެ ރޯމަން އަބްރޮހަމަވިޗާ ގާތް މީހެއް ކަމުގަ އެވެ.

ނަމަވެސް މިސީޒަންގައި ޗެލްސީގެ ފަރާތުން ފެންނަމުންދާ ދަށް ނަތީޖާތަކުގެ ސަބަބުން ޗެލްސީގެ ބޯޑުމެންބަރުންގެ މެދުގައި އޭނާގެ އިތުބާރު ދަނީ ކުޑަވަމުންނެވެ.

ނަތީޖާއަކަށްވީ ޗެލްސީގެ ކޯޗްކަމުގައި ދެމިހުރެވޭނެ ކަން ޔަގީން ކުރުމަށް ޗެލްސީ އިން މޮރީނިއޯއަށް މުއްދަތެއް ދިނުމެވެ. އަމިއްލަ ދަނޑުގައި އެފްސީ ބޯންމައުތު އަތުން ބަލިވި މެޗަށް ފަހު ޗެލްސީގެ ކޯޗް ކަމުގެ މަގާމުގައި ދެމިހުރުން ޔަގީން ކުރުމަށް އެ ކްލަބުން ހޯސޭ މޮރީނިއޯއަށް ދީފައި ވަނީ ހަފުތާއެއްގެ މުއްދަތެވެ.

އެއީ ޗެމްޕިއަންސް ލީގްގެ ގްރޫޕް 'ޖީ'ގައި މާދަމާ ރޭ އަމިއްލަ ދަނޑުގައި މޮރީނިއޯގެ ކުރީގެ ކްލަބު ޕޯޓޯއަތުން މޮޅުވުމާއި އަދި މިމަހު 15 ވަނަ ދުވަހު ޓޭބަލުގެ ކުރީގައި މިހާރު އޮތް ލެސްޓާ ސިޓީއަތުން މޮޅުވުމެވެ.

'ދަ ސަން' އިން ޗާއިއު ކުރި ރިޕޯޓް ވަނީ ފަހުން އިނގިރޭސި ބައެއް އެހެން ނޫސްތަކުން ވެސް ރިޕޯޓްކޮށްފަ އެވެ. ދަ މިރާ ނޫހުން ބުނެފައި ވަނީ ޕްރިމިއާލީގްގައި ޗެލްސީ ހޯދަމުންދާ ދަށް ނަތީޖާތަކުގެ ސަބަބުން ޗެލްސީގެ ބޯޑުގެ އޮފިޝަލުންގެ މެދުގައި މޮރީނިއޯއާ މެދު "އިންތިހާއަށް ކަންބޮޑުވުން ތައް" ހުރި ކަމަށެވެ.

އަދި ޗެލްސީގެ ޓީމަށް ދިމާވި މައްސަލަތަކާ ބެހޭ ގޮތުން އަބްރޮހަމަވިޗުގެ ސުވާލުތަކަށާއި ބޯޑުގެ ސުވާލުތަކަށް މޮރީނިއޯއަށް އެކަށީގެންވާ ޖަވާބެއް އަދި މިހާތަނަށް ދެވިފައެއް ނުވެ އެވެ.

ޗެލްސީގެ ސަޕޯޓަރުން ފަހަކަށް އައިސް ގޮވާލަމުން ދަނީ މޮރީނިއޮ ކޯޗްކަމުން ވަކި ކުރުމަށެވެ. ނަމަވެސް އަބުރަހަމް ވަނީ މޮރީނިއޮ ކޯޗްގެ ގޮތުގައި ބައްހައްޓާފަ އެވެ.

ނަމަވެސް ޗެމްޕިއަންސް ލީގް ދެ ވަނަ ބުރު ޔަގީން ނުކުރެވި ލެސްޓާ ސިޓީއަތުން ބަލިވެއްޖެ ނަމަ މައްސަލަ ވަކި ގޮތަކަށް ނިންމުމުގެ އިހްތިޔާރު އެކީ އެކައްޗަކަށް އަބުރަހަމްއަށް އަތް މައްޗަށް ދޫކޮށްލުމަށް ޗެލްސީގެ ބޯޑުން ވަނީ އާނ ބަސް ބުނެފަ އެވެ.

ދެން އުފެދޭ ސުވާލަކީ މީގެ ދެތިން މަސް ކުރިން ޗެލްސީގެ ކޯޗް ކަމުގައި ދެމިހުންނަން އިތުރު ހަތަރު އަހަރުގެ އެއްބަސްވުމެއްގައި ސޮއި ކުރި ކޯޗްގެ ވަޒިފާއަށް ދެން ވެގެންދާނީ ކިހިނެއް ހެއްޔެވެ.

މިދިޔަ ސީޒަންގައި މޮޅު ކުޅުމެއް ދެއްކި ޗެލްސީ އޮތީ ރެލިގޭޝަން ޒޯންއާ ތިން ޕޮއިންޓް ދުރުގަ އެވެ.

ޗެލްސީގެ ޕްލޭމޭކާ ސާބިއާގެ ނަމޭނިއާ މެޓިކް ބުނެފައި ވަނި ޓީމު އޮތީ ނާޒުކު ހާލަތެއްގައި ކަމަށާއި ޓީމު ނަގާ ކޮޅަށް ޖެހުމުގައި ބުރަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށެވެ.

އެހެންވެ ޓީމު އަލުން އާންމު ހާލަތަކަށް ގެނައުމުގައި އެންމެން އެކުގައި މަސައްކަތް ކުރަން ޖެހޭ ކަމަށް މެޓިކް ފާހަގަ ކުރި އެވެ.