ގައުމީ ވޯލީބޯޅަ ލީގުގެ ޗެމްޕިއަންކަން ހޯދި ޕޮލިސް 3-2 ސެޓުން ބަލިކޮށް ގައުމީ ވޮލީ މުބާރާތުގެ ފައިނަލުން ފުރަތަމަ ޖާގަ މޯލްޑިވިއަން ރެކްރިއޭޝަން ކުލަބުން ހޯދައިފި އެވެ.

ފުރަތަމަ ސެޓް 25-21 އިން މޯލްޑިވިއަން ހޯދާފައި ވަނިކޮށް ދެ ވަނަ ސެޓް 23،-25 އިން ޕޮލިސް ކާމިޔާބުކުރި އެވެ. ތިން ވަނަ ސެޓް އަނެއްކާ ވެސް 25-21 މޯލްޑިވިއަން ގެންގޮސް، އަދި ހަތަރު ވަނަ ސެޓް 16-25 އިން ޕޮލިހުން ގެންދިއުމުން ނަތީޖާ ނެރެން ކުޅުނު ފަހު ސެޓް 13-15 އިން މޯލްޑިވިއަނުން ކާމިޔާބުކޮށް ވަނީ ގަދަ ފަދި ޕޮލިހުން ބަލިކޮށް ފައިނަލްގެ ފުރަތަމަ ޖާގަ ކަށަވަރު ކޮށްފަ އެވެ.

އެ މެޗްގެ މޮޅު ކުުޅުންތެރިއަކަށް ހޮވުނީ މޯލްޑިވިއަންގެ އިސްމާއިލް ސާޖިދް އެވެ.

މި މެޗުން ބަލިވި ނަމަވެސް ގައުމީ ފައިނަލުގެ ފަހު ޖާގަ ހޯދަން ޕޮލިހަށް ފުރުސަތު އެބައޮތެވެ. އެއީ މިރޭ ޕޮލިހާއި ސިފައިން ކުޅޭ މެޗުން މޮޅުވާ ޓީމަކަށް ފައިނަލުގެ ފަހު ޖާގަ ލިބޭނެތީ އެވެ. ސިފައިން ވަނީ ފުރަތަމަ މެޗުގައި ޕޮލިސް އަތުން 3-2 ސެޓުން ބަލިވެފަ އެވެ. ނަމަވެސް ސިފައިންނަށް ވެސް މިރޭގެ މެޗު ކާމިޔާބުކޮށް ފައިނަލަށް ދިއުމުގެ ފުރުސަތު ވަނީ ހުޅުވިފަ އެވެ.

ގައުމީ ފައިނަލް ކުޅޭނީ މި މަހުގެ ނުވަވަނަ ދުވަހުގެ ރޭގަ އެވެ.