ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ މައި އޮފީހުގެ ބައެއް ފަންގިފިލާތަކުގެ ސަލާމަތީ ކަންތައް ބެލެހެއްޓުމުގެ މަސައްކަތް ކޮންޓްރެކްޓް އުސޫލުން ފުލުހުންނާ ހަވާލުކޮށްފި އެވެ.

ފުލުހުންގެ އިދާރާ އިން މިއަދު ބުނީ ސްޕެޝަލް ކޮންސްޓެބިލިޓީ (އެސްސީ) ފުލުހުން ހަވާލުވީ ބީއެމްއެލްގެ މައިއޮފީހުގެ ބައެއް ފަންގިފިލާތަކުގެ ސަލާމަތީ ކަންތައްތައް ބެލެހެއްޓުމާއި އެ ފަންގިފިލާތަކުން ހިދުމަތް ހޯދާ މީހުންނަށް އެހީތެރިވުމުގެ މަސައްކަތާ ކަމަށެވެ. އެ މަސައްކަތްތަކާ އެސްސީ ފުލުހުން ހަވާލުވީ އިއްޔެ ކަމަށް ވެސް ބުންޏެވެ.

އެސްސީ ފުލުހުން ސަލާމަތީ ކަންތައްތައް ބަލަހައްޓަމުން އަންނަ ތަންތަނުގެ ތެރޭގައި އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލާއި ހުޅުމާލޭ ހޮސްޕިޓަލާއި ތިލަފުށި ކޯޕަރޭޝަނާއި ޒުވާނުންގެ މަރުކަޒު ހިމެނެ އެވެ. އެ ތަންތަނުގެ ސަލަމާތީ ކަންތައްތައް ފުލުހުން ބަލަހައްޓަން ފެށި ފަހުން އެތަންތަނުގައި ޖިނާއީ ކުށްތައް ކުރުން މަދުވެފައިވާ ކަމަށް ފުލުހުން ބުންޏެވެ. ހާއްސަކޮށް، އައިޖީއެމްއެޗްގައި ވައްކަން ކުރުން ހުއްޓުވުނު ކަމަށް ވެސް ފުލުހުން ބުންޏެވެ.