07 Dec 2015, 00:48
ދުނިޔޭގެ ޖައްވުގެ ހޫނުމިން މިހާރު ހުރިމިންވަރަށްވުރެ 1.5 ޑިގްރީ އިތުރު ވިޔަނުދީ ހިފެހެއްޓިދާނެ ކަމަށް ރާއްޖޭގެ އެންވާރަމެންޓް މިނިސްޓަރު ތާރިގު އިބްރާހީމް ވިދާޅުވެއްޖެއެވެ.
ފްރާންސްގެ ވެރިރަށް ޕެރިހުގައި ކުރިއަށްދާ މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ 'ކޮޕް21' ސަމިޓްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ތާރިގު ވިދާޅުވީ މިހާރުވެސް އެކަމަށް މަސައްކަތްތަކެއް ކުރެވެމުން އަންނަ ކަމަށާއި އިތުރަށްވެސް ގިނަ މަސަކަތްތަކެއް ކުރަން ޖެހޭނެ ކަމަށެވެ.
ކޮޕް21ގެ ސަމިޓަކީ ކިޔޯޓޯ މުއާދާގެ މުއްދަތު ހަމަވުމުން ދެން އަމަލު ކުރާނެ އެއްބަސްވުމެއް ގާއިމް ކުރުމަށް ބާއްވާ ސަމިޓެކެވެ.
މި ސަމިޓުގައި ސޮއި ކުރުމަށް ހަމަޖެހިފައިވާ މޫސުމާބެހޭ ބައިނަލްއަގުވާމީ މުއާހަދާގައި ދުނިޔޭގެ ހޫނުމިނުން 1.5 ޑިގްރީ އިތުރުވެގެން ދިޔަ ނުދިނުން ހިމަނަން ލަޔަންސް އޮފް ސްމޯލް އައިލެންޑް ސްޓޭޓްސް (އެއޯސިސް) އިން ބޭނުންވާ ކަމަށް މިނިސްޓަރު ތާރިގު ވިދާޅުވިއެވެ.
ދުނިޔޭގެ ފިނިހޫނުމިން 1.5–2 ޑިގްރީ ސެލްސިއަސްގައި ހިފެހެއްޓުމަށް 180 ގައުމުން މިހާރު ވަނީ ނޭޝަނަލް ޕްލޭނެއް ހުށަހަޅާފައެވެ.
މޫސުމަށް އަންނަ ނޭދެވޭ ބަދަލާ ގުޅިގެން ދިމާވާ މޫސުމާ ގުޅުން ހުރި ހާދިސާތަކުން އަރައިގަތުމަށް "ލޮސް އެންޑް ޑެމޭޖް"ގެ ގޮތުގައި، ތަރައްގީވެފައިވާ ގައުމުތަކުގެ ފަރާތުން ކުދި ގައުމުތަކަށް ފައިސާ ލިބޭނެ ގޮތް އެއްބަސްވުމުގައި އޮންނަންޖެހޭނެ ކަމަށްވެސް ތާރިގު ވިދާޅުވިއެވެ.