ލީގުގެ 18 ވަނައިގައި އޮތް ނިއުކާސަލް ޔުނައިޓަޑް އަތުން 2-0 ގެ ނަތީޖާއަކުން ބަލިވެ ޖޯޖަން ކޮލެޕްގެ ކޯޗު ކަމުގެ ދަށުން ފުރަތަމަ ފަހަރަށް ރަށުން ބޭރުގައި ލިވަޕޫލް ބަލިވެއްޖެއެވެ.

ނިއުކާސަލްގެ އެސްޓީ ޖޭމްސް ސްޓްރީޓް ސްޓޭޑިއަމްގައި ކުޅުނު މެޗްގައި އެޓީމުގެ ދެ ލަނޑުވެސް ކާމިޔާބު ކުރީ ދެ ވަނަ ހާފުގައެވެ.

ނިއުކާސަލްގެ ފުރަތަމަ ލަނޑަކީ މެޗްގެ 69 ވަނަ މިނެޓްގައި އެޓީމުގެ މިޑްފީލްޑާ ޖޯޖީނިއޯ ވައިނަލްޑަންއަށް ލިވަޕޫލްގެ ޕެނަލްޓީ އޭރިއާގެ ތެރެއިން ލިބުނު ބޯޅަ އޭނާ ފޮނުވާލުމުން ލިވަޕޫލްގެ ޑިފެންޑާ މާޓިން ސްކާޓަލްގެ ދިފާއު ކުރަން އުޅުމުން އޭނާގެ ފައިގައި ޖެހިފައި ބައިކޮޅަށް ވަތް ގޯލެކެވެ.

ނިއުކާސަލްގެ ދެ ވަނަ ލަނޑު ވައިނަލްޑަން ކާމިޔާބު ކުރީ ފްރާންސްގެ މޫސާ ސީސޯކޯ ތަނަވަސްކޮށްދިން ފުރުސަތަކުން ކާމިޔާބު ކުރި ލަނޑެކެވެ.

މެޗްގައި ލިވަޕޫލްގެ ކްރިސްޓިއަން ބެންޓެކޭއާއި ޑެނިއަލް ސްޓަރިޖުއަށް ލިބުނު ފުރސަތުތައް ކާމިޔާބު ކުރެވޭ ގޮތެއް ނުވިއެވެ.

ވަރުގަދަ ލިވަޕޫލްގެ މައްޗަށް ކާމިޔާބު ހޯދުމުން އެންމެ ބޮޑު ހިތްހަމަޖެހުމެއް ލިބެނޭ އެކަކަށް ވާނީ ނިއުކާސަލްގެ ކޯޗް ސްޓީވް މެކްލާރަންއެވެ.

އިނގިރޭސި ގައުމީ ޓީމުގެ ކޯޗްކަންވެސް ކުރިން ކޮށްފައިވާ މެކްލާރަންއަށް ރޭ ގެ މެޗުން ނިކުތުމުގެ ނިއުކާސަލުގެ ބޯޑުން ދީފައިވަނީ ދެ މެޗްގެ އިމްތިހާނެވެ.

އެ ދެމެޗުގައި ނަތީޖާ ނުނެރެވިއްޖެނަމަ އޭނާއަށް ވަނީ ކޯޗްކަމުން ވަކި ކުރާނެ ކަމުގެ އިންޒާރު ދީފައެވެ.

މިމެޗުން މޮޅުވެ ލިބުނު ތިން ޕޮއިންޓާއެކު ނިއުކާސަލް 18 ވަނައިގައި އޮތީ 13 ޕޮއިންޓް ލިބިގެނެނެވެ.

އެންމެ ފަހުގެ ޗެމްޕިއަން ޗެލްސީއާ އެޓީމާ ދެމެދު އޮތީ ޕޮއިންޓްގެ ގޮތުން ދެ ޕޮއިންޓްގެ ފަރެގެވެ.

ލިވަޕޫލް އޮތީ 23 ޕޮއިންޓާއެކު ތާވަލުގެ ހަތް ވަނައިގައެވެ.