ސަލްމާން ހާން މިހާރު ޝޫޓު ކުރަމުން އަންނަ ފިލްމު "ސުލްތާން"ގައި ބަތަލާގެ ރޯލު ކުޅޭނެ ތަރިއަކާމެދު ތަފާތު އަޑުތައް އަންނަނީ ފެތުރެމުންނެވެ.

އެގޮތުން ބޮލީވުޑްގެ މަޝްހޫރު ތަރި ޕަރިނީތީ ޗޯޕްރާ އެ ފިލްމުގައިގައި ބަތަލާގެ ރޯލުން ފެންނާނެ ކަމުގެ އަޑުތައް ވެސް ދާދި ފަހުން ވަނީ ފެތުރިފަ އެވެ.

ނަމަވެސް ޕަރިނީތީ މިހާރު ވަނީ އެކަން ދޮގު ކޮށްފައެވެ.

އެގޮތުން އެ ވާހަކަތައް ދޮގުކޮށް ޕަރިނީތީ ކޮށްފައިވާ ޓްވީޓެއްގައި ބުނެފައި ވަނީ، އޭނާ އާއި ބެހޭ ގޮތުން ފެތުރޭ ހަގީގަތާއި ހިލާފު ވާހަކަތައް ހުއްޓާލަން އެދޭ ކަމަށެވެ.

"އަހަރެން ސުލްތާން ކުޅުމުގައި ގައި ބައިވެރިއެއް ނުވަން. އަދި އަހަރެން އެ ފިލްމުގައި ބައިވެރިވާ ކަމަށް ބުނެ ފެތުރާ ހަގީގަތާއި ހިލާފު ވާހަކަތައް ހުއްޓާލުމަށް އެދެން. އަހަރެން ދެން އެންމެ އަވަހަށް ކުޅޭ ފިލްމު އިއުލާން ކުރާނަން، ވަގުތު ޖެހުނީމައި،" ޕަރިނީތީ ބުންޏެވެ.

ޕަރިނީތީގެ އިތުރުން ދީޕިކާ ވެސް ސަލްމާންގެ އާ ފިލްމުގެ ބަތަލާގެ ރޯލު ކުޅޭނެ ކަމަށް އަޑުތައް ފެތުރިފައި ވެއެވެ.

އަދި ކަންގަނާ، އަނުޝްކާ ފަދަ ތަރިން އެ ލިސްޓުގައި ހިމެނޭއިރު، އޭގެ ތެރެއިން އެއްވެސް ތަރިއަކު މިހާތަނަށް އެކަމާ ގުޅޭ ގޮތުން އެއްވެސް ޖަވާބެއް ދީފައި ނުވެއެވެ.

އަލީ އައްބާސް ޒަފަރު ޑައިރެކްޓު ކުރާ އެ ފިލްމުގެ ޝޫޓިން މިދިޔަ ނޮވެމްބަރު މަހު ވަނީ ބަތަލާއަކާއި ނުލައި ފަށާފައެވެ.