07 Dec 2015, 00:31
މިރޭ އިރާކޮޅު ގއ. ވިލިނގިލީ މަގުހެދުމުގެ މަސައްކަތް ކުރިއަށްގެންދިޔުމަށްޓަކައި ކަރަންޓުގެ މަސައްކަތެއް ކުރަނިކޮށް، ކަރަންޓުޖެހިގެން ނިޔާވި އެރަށު އިންޖީނުގޭގެ މުވައްޒަފު އަހްމަދު ތައުފީގަކީ އަޚުލާގު ރަނގަޅު މަސައްކަތަށް ފަރުވާތެރި މުވައްޒަފެއް ކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނިމާލް ވިދާޅުވެއްޖެ އެވެ.
ނިމާލް މިރޭ ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައި ވަނީ މިހާތަނަށް ވިލިނގިލީ އިންޖީނުގެއިން މައުލޫމާތުދީފައިވާ ގޮތުގައި އެ ހާދިސާ ހިނގާފައި ވަނީ އެރަށުގެ މަގުހެދުމުގެ މަސައްކަތުގެ ތެރޭގައި ބުރިވެފައިވާ ކޭބަލެއް ޖޮއިންޓުކުރަން އުޅުމުގެ ތެރޭގައި ފޮޓޯސެލް ސްވިޗް އޮންވެގެން ކޭބަލަށް ކަރަންޓު އައިސްގެން ކަމަށެވެ.
ނިމާލް ވިދާޅުވީ އެ މައްސަލަ ތަހުގީގުކޮށްދިނުމަށް އެދި މޯލްޑިވްސް ޕޮލިސް ސާވިސް އަށް މިހާރު ވަނީ ހުށަހަޅާފައި ކަމަށެވެ. އަދި އެކުންފުނީގެ ފަރާތުން ވެސް އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު ތަހުގީގު ކުރާނެ ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.
އޭނާ ވިދާޅުވީ ވިލިނގިލީ އިންޖީނުގޭގެ ޓެކްނީޝަނެއްގެ ވަޒީފާގައި ހުރި އަހްމަދު ތައުފީގުގެ މަސައްކަތް ރަނގަޅުކަމުން އޭނާއަށް ދާދިފަހުން އެކުންފުނިން ވަޒީފާގެ ކުރިއެރުން ވަނީ ދީފައި ކަމަށެވެ.
"މިފަދަ ހިތާމަވެރިގޮތަކަށް އަހްމަދު ތައުފީގު ނެތިގެން ދިޔުމަކީ ކުންފުންޏަށް ލިބިގެންދިޔަ ވަރަށް ބޮޑު ހިތާމައެކެވެ. އަދި ގެއްލިގެން އެދިޔައީ ކުންފުންޏަށް ވަރަށް އަގުހުރި މުވައްޒަފެއްކަން ވެސް ފާހަގަކުރަމެވެ،" ނިމާލް ވިދާޅުވި އެވެ.
ގއ. އަތޮޅު ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް އަހްމަދު ތައުފީގު ނިޔާވީ މިރޭ 9:00 އެހައިކަންހާއިރު އެވެ.
ކުރިއަށްއޮތްތަނުގައި އެފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށް އެޅެންހުރި ފިޔަވަޅުތައް އަޅަމުންދާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށް ވެސް ނިމާލް ވިދާޅުވި އެވެ.