އެމެރިކާގެ ކުރީގެ ރައީސް ޖިމީ ކާޓާ ކެންސަރުގެ އާލާސްކަންފުޅުން ސަލާމަތްވެވަޑައިގެންފި އެވެ.

އުމުރުފުޅުން 91 އަހަރުގެ ކާޓާ ކެންސަރުން ސަލާމަތްވެވަޑައިގެންފައި ވާކަން ހާމަކުރައްވާފައި ވަނީ ޖޯޖިއާގެ ސްކޫލެއްގައި ކުރިއަށް ދިޔަ އިވެންޓެއްގެ ތެރެއިން ކަމަށް އެޓްލާންޓާ ޖާރނަލް އިންސްޓިޓިއުޓް ނޫހާ ހަވާލާދީ ބީބީސީން ބުންޏެވެ.

ޚަބަރުތައް ބުނާގޮތުން 350 ވަރަކަށް މީހުން ހާޒިރުވެ ތިބި ކްލާހެއްގައި ކާޓާ އެކަން އިއުލާން ކުރައްވަމުން ވިދާޅުވެފައި ވަނީ މިދިޔަ ހަފްތާގައި އެމްއާރްއައި ސްކޭނެއް ހެއްދެވި ކަމަށާއި ސްކޭނުން ކެންސަރުގެ އެއްވެސް އަސަރެއް ފެންނަން ނެތް ކަމަށެވެ.

އެމެރިކާގެ ވެރިކަން 1977 ވަނަ އަހަރުން ފެށިގެން 1981 ވަނަ އަހަރާ ދެމެދު ކުރެއްވި ކާޓާއަށް ކެންސަރު ޖެހިފައި ވާކަން އޭނާ ވިދާޅުވެފައި ވަނީ އޯގަސްޓު މަހުގެ ތެރޭގައެވެ. އަދި މިދިޔަ މަހުގެ ތެރޭގައި ކާޓާ ވަނީ ކެންސަރު ހަށިގަނޑުގެ އެހެން ގުނަވަންތަކަށް ފެތުރުމުގެ ނިޝާނެއް ފެންނަން ނެތްކަމަށްވެސް ވިދާޅުވެފައެވެ.

ކާޓާގެ އާއިލާއަކީ ވެސް ކެންސަރާ ވަރަށް ގުޅުން އޮތް އާއިލާއެކެވެ. ކާޓާގެ ބައްޕަ އާއި ބޭބެ އާއި ދެ ކޮއްކޮ ވެސް މަރުވީ ކެންސަރު ބަލީގަ އެވެ. އޭނާގެ މަންމަ އަށް އުރަމަތީގެ ކެންސަރު ޖެހުނެ އެވެ. އަދި ފަހުން ހަށިގަނޑުގެ އެނޫން ގުނަވަންތަކަށް ފެތުރުނެވެ.

ކާޓާއަކީ އެމެރިކާގެ 39 ވަނަ ރައީސް އެވެ. ކާޓާ އެމެރިކާގެ ރައީސް ކަމަށް ފުރަތަމަ އިންތިޚާބުވީ 1976 ވަނަ އަހަރު އެވެ. ޑިމޮކްރެޓިކް ޕާޓީގެ ކެނޑިޑޭޓް، ކާޓާ ދެ ވަނަ ފަހަރަށް، އޭގެ ހަތަރު އަހަރު ފަހުން ވާދަ ކުރެއްވުމުން ރޮނަލްޑް ރޭގަންގެ އަތުން ވަނީ ބަލިވެވަޑައިގެންފަ އެވެ.

ކާޓާ އޮފީސް ދޫކުރެއްވުމަށް ފަހު މަސައްކަތް ކުރެއްވީ، އޭނާގެ ހިލޭ ސާބަހަށް މަސައްކަތް ކުރާ އޮފީސް، ކާޓާ ސެންޓަރުގަ އެވެ.

ކާޓާ އަކީ މެދުއިރުމަތީގެ މައްސަލަތައް ހައްލު ކުރެއްވުމަށް އެމެރިކާގެ މަންދޫބެއްގެ ގޮތުގައި ވަރަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ. އަދި ބައިނަލްއަގުވާމީ މައްސަލަތަކަށް ސުލްހަވެރި ހައްލެއް ހޯއްދެވުމަށް އޭނާ ކުރައްވާ މަސައްކަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން 2002 ވަނަ އަހަރު އޭނާ އަށް ނޯބެލް ސުލްހައިގެ އިނާމު ވެސް ވަނީ ލިބިވަޑައިގެންފަ އެވެ.

މައުލޫމާތ: ބީބީސީ