06 Dec 2015, 22:49
ގައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ)ގެ މައްޗަށް ދަރަނީގެ މައްސަލައެއް ސާބިތުވެ، 1.4 މިލިއަން ރުފިޔާ ދައްކަން ކުރި ހުކުމް އޭނާގެ އިސްތިއުނާފު ކުރުމަށް ހުށަހަޅައިފި އެވެ.
ދަގަނޑޭގެ މައްޗަށް ސާބިތުވެފައި ވަނީ އިމާރާތެއް ހަދަން ހަރަދުވި 1.4 މިލިއަން ރުފިޔާ ޔޫމެޓް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑަށް ދެއްކުމަށެވެ.
އޭނާގެ މައްޗަށް އެ އެ ދައުވާ ސާބިތުވި ހުކުމް ސިވިލް ކޯޓުން އިއްވާފައި ވަނީ ދަގަނޑޭގެ ޣައިރު ހާޒިރުގަ އެވެ.
މީގެ ހަ އަހަރު ކުރިން ޔޫމެޓް ކޮންސްޓްރަކްޝަނާ އެކު ދަގަނޑޭ ހަދާފައިވާ އެއްބަސްވުމުގެ ދަށުން، ގ. ފައިނުގޭގެ ހަ ވަނަ ބުރި އާއި ހަތް ވަނަ ބުރި އަދި ޓެރަސް އެ ކުންފުނިން ވަނީ ހަދައިފަ އެވެ.
ދެހާސް ނުވަ ވަނަ އަހަރުގެ މާޗު 24ގައި ހަދާފައިވާ އެއްބަސްވުމަށް ގެރެންޓީ ދީފައި ވަނީ ވީބީ ސްޕޯޓްސް ކްލަބުންނެވެ. އެހެންކަމުން އެ ކުލަބުން ވެސް އެ ފައިސާ ދައްކަން ޖެހޭނެ ކަމަށް ހުކުމްގައިވެ އެވެ.
ސިވިލް ކޯޓުން މިދިޔަ މަހުގެ 19 ވަނަ ދުވަހު ކުރި ހުކުމުގައި ބުނެފައި ވަނީ ދަގަނޑޭ އާއި ވީބީ ސްޕޯޓްސް ކުލްބުން ހަ މަސް ދުވަހުގެ ތެރޭގައި އެ ފައިސާ ދައްކައި ހަލާސް ކުރަން ޖެހޭނެ ކަމަށެވެ.
މި ހުކުމް ދަގަނޑޭގެ ފަރާތުން އިސްތިއުނާފު ކުރުމަށް ހުށަހަޅާފައި ވަނީ މިދިޔަ ހަފްތާގެ ތެރޭގަ އެވެ.