07 Dec 2015, 09:33
"ކިއުކާބިޓަސިއާ" އާއިލާއަށް ނިޞްބަތްވާ ކެންޓަލޫޕް މެލަން އަކީ ފޮނި އަދި މީރު މޭވާއެކެވެ. އެ އާއިލާގެ އެހެނިހެން މޭވާ އާއި ތަރުކާރީއެކޭ އެއްފަދައިން މެލަން އަކީ ވެސް ހަށިގަނޑަށް ބޭނުންވާ މުހިއްމު ގިނަ މާއްދާތަކެއް އެކުލެވިގެންވާ މޭވާއެކެވެ.
އެގޮތުން ހަށިގަނޑު ގިނަ ބަލިތަކަކުން ރައްކާތެރިކޮށްދީ ސިއްހަތު ރަނގަޅު ހަށިގަނޑެއް ބިނާ ކުރުމަށް މެލަން ވަރަށް މުހިއްމު ދައުރެއް އަދާ ކުރެ އެވެ.
އެގޮތުން ބަލާ އިރު، މެލަން އަކީ އޭގައި ގިނަ އަދަދަކަށް ޕޮޓޭޝިއަމް ހިމެނޭ މޭވާއެކެވެ. ޕޮޓޭޝިއަމް އެކުލެވޭ ކާނާ ކެއުމުން ލޭ މައްޗަށް ދިޔުން ކޮންޓްރޯލް ކުރެ އެވެ. އެހެންކަމުން ލޭ މައްޗަށް ދިއުން ފަދަ މައްސަލައެއް ދިމާވާ ނަމަ މެލަން ކެއުމަށް އާދަ ކުރާށެވެ.

ހަށިގަނޑުގެ ގުނަވަންތައް ދުޅަވުމާއި ތަދުވުން ފަދަ މައްސަލަތައް ދިމާވާ ނަމަ، މެލަން އަކީ އެކަމަށް އޮތް ހައްލެކެވެ. މެލަން ކެއުމުން އިންފްލިމޭޝަންގެ ސަބަބުން ލޭގައި އުފެދިފައި ހުންނަ ސީ ކްރިއޭޓިވް ޕްރޮޓީން ނުވަތަ ސީއާރްޕީ، ދަށް ކޮށްދެ އެވެ. އަދި އެފަދަ އުނދަގޫތަކުން ހަށިގަނޑަށް ލުއިކަން ހޯދައިދެ އެވެ.
ހަމައެއާ އެކު މެލަން އަކީ އޭގައި ގިނަ އަދަދަކަށް އެންޓިއޮކްސިޑެންޓު ވެސް ހިމެނޭ މޭވާއެކެވެ. އެގޮތުން އެ މޭވާގައި އެކުލެވޭ އެންޓި އޮކްސިޑެންޓެއް ކަމަށްވާ "ޒީޒަންތިން" އަކީ އުމުރުން ދުވަސް ވުމުގެ ސަބަބުން ލޮލަށް ދިމާވާ އެކި އެކި މައްސަލަތަކުންނާއި، ނުރައްކާތެރި ދޯދިތަކުން ލޯ ރައްކާތެރި ކޮށްދޭ މާއްދާއެކެވެ.
ޕްރޮސްޓޭޓު ކެންސަރު އަދި އަސްތަމާ ފަދަ ބަލިތަކުން ރައްކާތެރި ވުމަށް ވެސް މެލަން ބޭނުން ކުރާށެވެ. މެލަން އަކީ އޭގައި ގިނަ އަދަދަކަށް ބީޓާ ކެރޮޓިން އެކުލެވިގެންވާ މޭވާއެކެވެ.

ދުޅަހެޔޮ އިސްތަށިގަނޑަކާއި ހަންގަނޑެއް ބޭނުން ނަމަ، ކެއުމުގައި މެލަން ހިމަނާށެވެ. މެލަން އަކީ އޭގައި ގިނަ އަދަދަކަށް ވިޓަމިން އޭ އެކުލެވިގެންވާ މޭވާއެކެވެ. ވިޓަމިން އޭ އަކީ އިސްތަށިގަނޑު ދުޅަހެޔޮކަންމަތީ ބަހައްޓަން ބޭނުންވާ "ސެބަމް" އުފެއްދުމަށް ވަރަށް މުހިއްމު މާއްދާއެކެވެ.
ކާނާ ހަޖަމު ކުރުމުގައި ދަތިތައް ދިމާވާ ފަރާތްތަކުން ވެސް މެލަން ކެއުން ވަރަށް މުހިއްމެވެ. މެލަން އަކީ އޭގައި ގިނަ އަދަދަކަށް ފައިބާ އެކުލެވޭ މޭވާއެއް ކަމުން އެފަދަ މައްސަލަތަކަށް ހައްލު ހޯދައި ދެ އެވެ.
އެހެންކަމުން ކޮންމެ ދުވަހެއްގެ ކެއުމުގައި މެލަން ހިމެނުން ވަރަށް މުހިއްމެވެ.
މައުލޫމާތު: ހެލްތް ޑައިޖެޒްޓް އަދި މެޑިކަލް ނިއުސް ޓުޑޭ