ކުރިއަށް އޮތް ދެ މަސް ދުވަހުގެ ތެރޭގައި ހދ. ނޭކުރެންދޫގައި އެޅުމަށް ހަމަޖެހިފައިވާ ޖަލުގެ މަސައްކަތް ފެށިގެންދާނެ ކަމަށް ހޯމް މިނިސްޓްރީން ބުނެފިއެވެ.

ހޯމް މިނސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހްމަދު ސަލީމް (މާޒު ސަލީމް) ސަން އަށް ވިދާޅުވީ ޖަލުގެ މަސައްކަތް ކުރިއަށްގެންދާނެ ކޮންޓްރެކްޓަރެއް މިހާރު ހަމަޖެހިފައިވާ ކަމަށެވެ. އަދި ޖަލުގެ މަސައްކަތައް ބޭނުންވާ ތަކެތި ރާއްޖެ ވަރަށް އަވަހަށް އަންނާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ނޭކުރެންދޫގައި އެޅުމަށް ހަމަޖެހިފައި ވަނީ ލުއި ޖަލެކެވެ. ޖަލުއެޅުމަށް ނޭކުރެންދޫ ކައުންސިލުން 21 ހެކްޓަރުގެ ބިމެއް ދޫކޮށްފައިވާ އިރު އެއީ ގާތްގަނޑަކަށް 300 މީހުންގެ ޖާގައިގެ ޖަލެކެވެ.

ނޭކުރެންދޫގެ އިތުރުން ކ. ކާށިދޫގައި ވެސް ލުއި ޖަލެއް އެޅުމަށް ނިންމައި، އަންނަ އަހަރުގެ ބަޖެޓުގައި ވަނީ ހިމަނާފައެވެ. ކާށިދޫގައި ހަދަނީ 600 މީހުންގެ ޖާގައިގެ ޖަލެކެވެ.

ހޯމް މިނިސްޓަރު އުމަރު ނަސީރުވެސް ވަނީ އެ ދެ ރަށުގައި އެޅުމަށް ނިންމާފައިވާ ލުއި ޖަލުތަކުގެ މަސައްކަތް އަންނަ އަހަރުގެ ކުރީކޮޅު ފަށާނެ ކަމަށް ވިދާޅުވެފައެވެ.

މިނިސްޓަރު އުމަރު ވިދާޅުވީ އެ ދެ ރަށުގައި ވެސް ޖަލު ހަދަން ބޭނުންވާ ބިންތައްް ހަމަޖެހިފައިވާ ކަމަށާއި މިހާރު މަސައްކަތް ފެށުމަށް ވާންޖެހޭ ތައްޔާރީތައް ވަމުން އަންނަ ކަމަށެވެ.