06 Dec 2015, 20:31
މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ، ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ، ޑަބްލިޔުއެޗްއޯގެ ރީޖަނަލް ޑިރެކްޓަރ ފޯ ސައުތް-އީސްޓް އޭޝިޔާ، ޑރ. ޕޫނަމް ކެތްރެޕާލް ސިންހް ރައީސުލްޖުމްހުރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމާ ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުވުން އޮތީ ރާއްޖެ ޑަބްލިއުއެޗްއޯގެ މެމްބަރު ގައުމެއްގެ ގޮތުގައި އޮންނަތާ 50 އަހަރު ފުރުން ފާހަގަކުރުމައްޓަކައި ބޭއްވި ރަސްމިއްޔާތަށްފަހު، ދަރުބާރުގޭގައެވެ.
އެ ބައްދަލުކުރެއްވުމުގައި ރައީސް ޔާމީން ވަނީ ރާއްޖޭގެ ސިއްހީ ދާއިރާގެ ތަރައްގީއަށްޓަކައި ސަރުކާރުން ރާވާފައިވާ އެކިއެކި މަޝްރޫއުތަކުގެ މައުލޫމާތު ޑަބްލިޔުއެޗްއޯގެ ރީޖަނަލް ޑިރެކްޓަރާ ހިއްސާކުރައްވާފައެވެ.
މިގޮތުން، ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ދިރިއުޅޭ ރައްޔިތުންނަށް ފަސޭހަކަމާއެކު ސިއްހީ ޚިދުމަތްތައް ހޯދޭނެ ނިޒާމެއް ގާއިމްކުރެއްވުމަށް ކުރެވެމުންދާ މަސައްކަތްތަކާ ބެހޭގޮތުން ރީޖަނަލް ޑިރެކްޓަރާއި ރައީސް ވަނީ ހިޔާލުބަދަލުކުރައްވާފައެވެ.
ރައީސާ ބައްދަލުކުރައްވައި ޑރ. ޕޫނަމް ސިންހް ދެއްކެވި ވާހަކައިގައި ސިއްހީ ދާއިރާއިން، ރާއްޖެ ހޯދާފައިވާ ކާމިޔާބީތަކަކީ ދުނިޔޭގެ ނިސްބަތުން، ފާހަގަ ކޮށްލެވޭފަދަ ތަޢުރީފް ހައްގު ކާމިޔާބީތަކެއްކަމުގައި ސިފަކުރެއްވިއެވެ. އަދި، ރާއްޖޭގެ ސިއްހީ ދާއިރާގެ ކަންކަން އިތުރަށް ތަރައްގީކޮށް ކުރިއެރުވުމަށްޓަކައި ބޭނުންވާ އެހީތެރިކަން، އެޖަމްއިއްޔާއިން އަބަދުވެސް ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން ވަނީ ދެއްވާފައެވެ.
ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއާ ގުޅިގެން ރާއްޖޭގެ ސިއްހީ ދާއިރާ އިތުރަށް ރަނގަޅުކުރުމަށް ކުރެވެން ހުރި ކަންކަމާ ބެހެގޮތުންވެސް މިއަދުގެ ބައްދަލުކުރެއްވުމުގައި ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވިއެވެ. މިގޮތުން، ސިއްހީ ދާއިރާގައި މިހާރު ހުރި ވަސީލަތްތަކާއި، ގޮންޖެހުންތަކާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.
އެ ބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި، މިނިސްޓަރ އޮފް ހެލްތް އިރުތިޝާމް އާދަމާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑާ ސެކްރެޓަރީ މުޙަންމަދު ނަޞީރު ބައިވެރިވެވަޑައިގެންނެވިއެވެ.