ރައްޔިތުންނަށް އިންސާފު ހޯދައިދޭން މަގުމައްޗަށް ނުކުމެ މުޒާހަރާ ކުރުމަށް އެމްޑީޕީގެ ނައިބު ރައީސް ކަމަށް ވާދަކުރައްވާ އަލްހާން ފަހުމީ މިރޭ ގޮވާލައްވައިފި އެވެ.

އަލްހާން ކެމްޕޭން ފެށުމަށް އާޓިފިޝަލް ބީޗްގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އޭނާ ވިދާޅުވީ އެމްޑީޕީގެ މެނިފެސްޓޯގެ އެންމެ މުހިންމު އެއް ޕްރޮޖެކްޓަކީ ރައްޔިތުންނަށް އިންސާފު ހޯދައިދިނުން ކަމަށާއި ދައުލަތުގެ ދުސްތޫރީ ނިޒާމް ބިނާވެފައި އޮތް ގޮތުން ރައްޔިތުންނަށް އެ ހައްގުތަށް ހޯދައިނުދެވޭ ކަމަށެވެ.

"އަޅުގަނޑު އެންމެ މާޔޫސްވާ ކަމަކީ އަދި އެންމެ ހިތާމަ ކުރާ ކަމަކީ އދާލަތާއި އިންސާފު އަޅުގަނޑުމެންނަށް ނުލިބޭކަން. އެމްޑީޕީގެ އެންމެ ބޮޑު ޕްރޮޖެކްޓަކީ ރައްޔިތުންނަށް އަދުލުވެރިކަމާއި ހަމަ ހަމަ ކަން ހޯދައިދިނުން. އެމްޑީޕީގެ ތިލަފަތުން ރަމްޒް ކޮށްދެނީ އަދުލު ވެރިކަން ހޯދައިދޭން. އަޅުގަނޑުމެން ވެރިކަން ބަދަލުކޮށްފީމު އަދި ވެރިކަން މި ހިންގަނީ އަޅުގަނޑުމެން ބޭނުންވާ ގޮތަށް. އެހެންނަމަވެސް ހަގީގަތަކީ ދައުލަތުގެ ދުސްތޫރީ ނިޒާމް ބިނާވެފައި އޮތްގޮތުން އަދުލް ވެރިކަން އިންސާފު ފުރިހަމަ ވެފައި ނެތް ކަން،" އަލްހާން ވިދާޅުވި އެވެ.

އެމްޑީޕީގެ ރައީސް ކަމަށް ކުރިމަތިލައްވާފައިވާ ޑރ. ޑީޑީ އާއި އަދި އެމްޑީޕީގެ ވަގުތީ ރައީސްކަން މިހާރުވެސް ކުރައްވާ ޒަކީ ބައިވެރިވެ ވަޑައިގަތް އެ ޖަލްސާގައި އަލްހާން ވިދާޅުވީ އަދާލަތާއި އިންސާފު ހޯދުމަށް ރައްޔިތުން މަގުމައްޗަށް ނުކުމެ މުޒާހަރާ ކުރަންޖެހޭ ކަމަށާއި އެމްޑީޕީން ވެރިކަން ކުރިޔަސް އެ ހައްގުތަށް ހޯދައިދެވުނީ ކަމަށް ބަލައިގެން ތިބެވެން ނެތް ކަމަށެވެ.

"މިކަން ކުރުމަށްޓަކާ އަޅުގަނޑުމެން އަދިވެސް މަގުމައްޗަށް ނުކުންނަން ޖެހޭނެ. އަދިވެސް އަޅުގަނޑުމެން މުޒާހަރާކުރަން ޖެހޭނެ،" އަލްހާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާއި އެމްޑީޕީން ކުރިމަތިލާނީ އިންތިހާބުގެ ފުރަތަމަ ބުރުން ކާމިޔާބު ހޯދުމުގެ ފުރިހަމަ ޔަގީންކަމާ އެކު ކަމަށާއި އެކަން ކާމިޔާބު ކުރުމަށް އެމްޑީޕީގެ މެންބަރުންގެ އަދަދު 2013 އަންނަންވާއިރަށް އެއްލައްކަ އަށް އިތުރު ކުރާނެ ކަމަށެވެ.

"ގައުމުގެ ޒުވާނުންނަށް ތަމްރީން ޕްރޮގްރާމްތަކާއި ހޭލުންތެރި ކުރުމުގެ ޕްރޮގްރާމްތައް ހިންގައިގެން އަޅުގަނޑުމެންގެ މެންބަރުންގެ އަދަދު އެއްލައްކަ އަށް އިތުރު ކުރާނަން. އޭރުން އަޅުގަނޑުމެންނަށް އެއްވެސް އުނދަގުލަކާ ނުލައި 51 ޕަސެންޓުން ކާމިޔާބު ހޯދޭނެ. އެކަން ކުރުމަށް ރާއްޖޭގެ އުތުރުން ދެކުނަށް ދަތުރުކޮށް އެ މަގުސަދު ހާސިލްކުރަން އަޅުގަނޑު މިހުރީ ތައްޔާރަށް،" އަލްހާން ވިދާޅުވި އެވެ.