06 Dec 2015, 20:08
މާވެޔޮ މަގުގައި ހުންނަ ފިހާރައެއްގެ ފުރާޅު ހަލާކުކޮށްލައިގެން ވައްކަން ކުރަން އުޅުނު ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ ރޭ ދަންވަރު ހިނގި އެ ހާދިސާއާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ 29 އަހަރުގެ ފިރިހެނަކާއި 34 އަހަރުގެ އަންހެނެއް ކަމަށެވެ.
އެގޮތުން ފިރިހެން މީހާ ހައްޔަރުކުރީ ފުލުހުން އެސަރަހައްދަށް ދިޔުމުން ފުރާޅުމަތިން ފުއްމާލައިގެން ފިލަން މަސައްކަތްކުރަނިކޮށް ކަމަށާއި އަންހެން މީހާ ހައްޔަރުކޮށްފައި ވަނީ މާވެޔޮމަގުގައި ފާރައަށް ހުއްޓައި ކަމަށް ވެސް ފުލުހުން ބުންޏެވެ.
މިހާތަނަށް ބެލިބެލުމުން އެނގިފައިވާ ގޮތުގައި އެފިހާރައިގެ ކައުންޓަރު ވަތްގަނޑުން 3000 ރުފިޔާ ވަގަށް ނަގާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެ ފިހާރައަށް ވަދެފައިވަނީ ފިހާރައިގެ ފުރާޅުން ޓިނު ނަގައިގެން ސީލިންގ ހަލާކުކޮށްލައިގެން ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އަންހެން މީހާ ހައްޔަރުކޮށް އޭނާ ގެންގުޅުނު ދަބަސް ޗެކްކުރި އިރު އޭގެތެރެއިން ވަޑާން ކަށްޓެއް ފެނިފައިވާ ކަމަށެވެ. އަދި ފިރިހެން މީހާގެ ފައިން ދެ ތަނަކުން ކަފައިގެން ގޮސްފައިވުމުން އޭނާ އަށް އައިޖީއެމްއެޗަށް ގެންގޮސް ފަރުވާދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެ ދެ މީހުންގެ ތެރެއިން އަންހެން މީހާ އަކީ މަސްތުވާތަކެއްޗާއި ފޭރުމާއި ވައްކަމުގެ މައްސަލަތަކުގެ ރެކޯޑްސް އޮންނަ މީހެއް ކަމަށް ފުލުހުން ބުންޏެވެ.
އަދި ފިރިހެން މީހާއަކީ ވައްކަމާއި މަސްތުވާތަކެތީގެ މައްސަލަތަކުގެ ރެކޯޑްސް އޮންނަ މީހެކެވެ.