06 Dec 2015, 18:38
އަގުހެޔޮކޮށް ތެޔޮ ހޯދުމަށް ސައުދީ ސަރުކާރާއެކު ކުރަމުން އަންނަ މަސައްކަތްތަކަށް ވަރަށް އަވަހަށް ފެހި ސިގްނަލް ލިބިގެންދާނެ ކަމަށް ފިޝަރީޒް މިނިސްޓަރު އަދި އިކޮނޮމިކް ކައުސިލްގެ ކޯޗެއާ ޑރ. މުހައްމަދު ޝައިނީ ވިދާޅުވެއްޖެ އެވެ.
އިންވެސްޓްމަންޓުތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވުމަށް ސައުދީއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރާއްޖެ ވަޑައިގެން ޓީވީއެމްއަށް ދެއްވި އިންޓަވިއުއެއްގައި ޝައިނީ ވިދާޅުވީ ސައޫދީން އަގު ހެޔޮކޮށް ތެޔޮ ހޯދުމުގެ މަސައްކަތް ލަސްވެގެން ދިޔައީ ދިމާވި މައްސަލަތަކަކާ ގުޅިގެން ކަމަށާއި ނަމަވެސް އެދަތުރުފުޅުގައި އެކަންކަން ސައުދީގެ ސަމާލުކަމަށް ގެނެސްފައި ވާނެކަމަށެވެ.
ސައުދީއަށް ފުރާވަޑާއިގަތުމުގެ ކުރިން ޝައިނީ ވިދާޅުވެގައި ވަނީ ރައީސުލްޖުމްހޫރިއްޔާ އެގައުމަށް ކުރެއްވި ދަތުރުފުޅާއެކު ތެލުގެ އަގު ހެޔޮކުރުމަށް ސަރުކާރަށް ބޮޑު ކުރިއެރުމެއް ލިބުނު ކަމަށެވެ.
އަދި އޭރު ސައުދީއަށް ރާއްޖެއިން ދީފައިވާ ޔަގީންކަމަކީ ރާއްޖެއިން ކުރަންޖެހޭ ކަންތައްތަކެއް ކޮށް ނިންމާފައި ހުރިކަން ކަމަށާއި ނަމަވެސް ފަހުން ބެލިއިރު ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އަބްދުލް ޣަފޫރު އެކަންކަން ކޮށްފައި ނުވާކަން އެނގިގެން ދިޔަ ކަމަށް މިނިސްޓަރު ޝައިނީ ވިދާޅުވި އެވެ.
އެ ދަތުރުފުޅުގައި ކުރި މަޝްވަރާތަކަށް ފަހު ދުނިޔޭގެ އެންމެ ބޮޑު ތެލުގެ ކުންފުނި ކަމުގައިވާ އަރަމްކޯއިން ދިވެހި ސަރުކާރަށް ލިބެންޖެހޭ ލިޔެކިޔުންތައް ލިބޭނެ އިންތިޒާމްތައް ހަމަޖެހިފައިވާ ކަމަށް ވެސް މިނިސްޓަރު ޝައިނީ ވިދާޅުވި އެވެ.