06 Dec 2015, 17:58
ޖަކާޓާ (ޑިސެމްބަރ 6): އިންޑޮނޭޝީއާގެ ވެރިރަށް ޖަކާޓާގައި ބަހަކާއި ރޭލެއް ޖެހި ހިނގި އެކްސިޑެންޓެއްގައި 18 މީހަކު މަރުވެ، ހަ މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބިއްޖެ އެވެ.
އެ ހާދިސާ ހިނގި ސަރަހައްދުގެ އިސް ފުލުހަކު ވިދާޅުވީ އެކްސިޑެންޓު ހިނގަން މެދުވެރިވީ ރޭލު ޓްރެކްތައް ހުރަސް ކުރި އިރު ބަހުގެ ޑްރައިވަރު ރޭލް އަންނަކަން އަންގާ ސިގްނަލްތަކަށް ނުބަލައި ޓްރެކް ހުރަސް ކުރަން މަސައްކަތް ކުރުމުން ކަމަށެވެ.
އެ ހާދިސާގައި މަރުވި 18 މީހުންނަކީ ބަހުގައި ދަތުރުކުރި މީހުންނެވެ. ރޭލުގައި ދަތުރުކުރި 400 ފަސިންޖަރުންގެ ތެރެއިން އެއްވެސް މީހަކަށް އަނިޔާވެފައި ނުވެ އެވެ.
ދެ އުޅަނދު އެކްސިޑެންޓް ވުމަށްފަހު، ރޭލު ހުއްޓުމަކަށް އައީ 300 މީޓަރަށް ވުރެ ދުރަށް ބަހާ އެއްކޮށް ދިޔަ ފަހުންނެވެ.
އެކްސިޑެންޓުގައި މަރުވި މީހުންގެ ތެރެއިން 13 މީހަކު ވަނީ ހާދިސާ ހިނގުމާއެކު މަރުވެފައެވެ. އެކަކު މަރުވީ ހޮސްޕިޓަލަށް ގެންދިޔަ މަގުމަތީގައި އެވެ. އަދި ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް މަރުވި ހަތަރު މީހުންގެ ތެރޭގައި ބަހުގެ ޑްރައިވަރާއި އޭނާގެ އެސިސްޓެންޓު ހިމެނެ އެވެ.
ޖަކާޓާ ފުލުހުންގެ މެޑިކަލް އެންޑް ހެލްތް ޑިވިޝަނުން ބުނީ އެ ހާދިސާގައި ޒަޚަމްވި ހަ މީހަކަށް މިހާރު ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށެވެ. (އޭޕީ)