09 Apr 2011, 00:50
ސަރުކާރުން ކުރާ މަސައްކަތްތަކަށް ވާގިވެރިވުމަށް ޑީއާރްޕީގެ އެތެރެއިން ކުރާ ކޮންމެ ކަމެއް ފުނޑުފުނޑުކޮށްލާނެ ކަމަށް އެ ޕާޓީގެ ލީޑަރު އަހުމަދު ތަސްމީން އަލީ ވިދާޅުވި އެވެ.
"ބަލަމުން މިދާ ސަފުހާތަކުން" މި ނަމުގައި ޑީއާރްޕީ އާއި ގައުމީ ޕާޓީގެ ކޯލިޝަނުން މިރޭ އިމާދުއްދީން ސްކޫލްގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ތަސްމީން ވިދާޅުވީ އޭނާއާއެކު މަސައްކަތް ކުރާ ފަރާތްތަކުގެ އަގު ވައްޓާލުމަށްޓަކާ ޑީއާރްޕީގެ އެތެރެއިންނާއި ބޭރުން ކުރާ މަސައްކަތުގެ ސަބަބުން ޑީއާރްޕީގެ ލީޑަޝިޕްގެ އަޒުމަކަށް ބަދަލެއް ނާންނާނެ ކަމަށެވެ. އަދި ސަރުކާރު ބަލިކޮށްލުމަށް ކުރާ މަސައްކަތުގައި މެދުވެރިވާ ހުރަހެއްގެ ގޮތުގައި ޑީއާރްޕީގެ އެތެރެއިން ސަރުކާރަށް ވާގިވެރިވެ، ހިއްވަރު ލިބޭ ގޮތަށް ކުރާ މަސައްކަތަށް ފުނޑުފުނޑުކޮށްލާނެ ކަމަށް ވެސް ތަސްމީން ވިދާޅުވި އެވެ.
"ސަރުކާރު ބަލިކޮށްލުމަށްޓަކާ ކުރާ މަސައްކަތުގައި، މިއަދު މި އޮތް ސަރުކާރުގެ ފަރާތުންނާއި އަޅުގަނޑުމެންގެ ތެރެއިންވިޔަސް ސަރުކާރަށް ވާގިވެރިވާ ގޮތަށް، ސަރުކާރުން މި ކުރާ މަސައްކަތަށް ހިއްވަރުލިބޭ ގޮތަށް ކުރާ ކޮންމެ މަސައްކަތަކާ އިދިކޮޅަށް އަޅުގަނޑުމެން މަސައްކަތް ކުރާނަން. އެކަމުގައި މެދުވެރިކުރި ކޮންމެ ހުރަހެއް އަޅުގަނޑުމެން ފުނޑުފުނޑުކޮށްލާނެ ކަމުގެ ޔަގީން ކަން ޑިއާރްޕީގެ ހުރިހާ މެންބަރުންނަށް އަރުވަން،" ތަސްމީން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެމްޑީޕީގެ ސަރުކާރު ބަލިކޮށް، 2013 ރިޔާސީ އިންތިހާބު ޑީއާރްޕީން ކާމިޔާބު ކުރާނެ ކަމަށާއި އެކަން ކުރުމުގައި ޑީއާރްޕީގެ ލީޑަރުގެ ހައިސިއްޔަތުން އެއްވެސް ފިޔަވަޅެއް ފަހަތަށް ނާޅާނެ ކަމަށެވެ.
މިރޭގެ ޖަލްސާގައި ޑީއާރްޕީގެ ނައިބު ލީޑަރު އަލީ ވަހީދު ވިދާޅުވީ އެ ޕާޓީގެ ނަމުގައި ބާއްވާ ޖަލްސާތަކަކީ ޕީއޭގެ ރައީސް އަބްދުﷲ ޔާމިން އަބްދުލްގައްޔޫމަށް ވެރިކަން ހޯދައިދޭން ބާއްވާ ޖަލްސާތަކެއް ކަމަށެވެ. އަދި ވިދާޅުވީ އެ ފަރާތްތަކުން ޔާމީނަށް ވެރިކަން ހޯދައިދިނުމުގެ ނަމުގައި "ޑީއާރްޕީގެ ޕްރައިމަރީ އެއް" ވެސް ބާއްވާނެ ކަމަށެވެ. އެ ޕްރައިމަރީގައި ޔާމީންގެ ފަހަތުން ނައިބު ރައީސުންގެ ގޮތުގައި އުމުރު ނަސީރާއި ރީކޯ އިބްރާހިމް މަނިކު ނުކުމެދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މިހާރު އެ ބާއްވާ ޖަލްސާތަކުގެ ޕްރައިމަރީ އަޅުގަނޑުމެންނަށް އެބަ އިނގޭ. އެއީ އަބްދުﷲ ޔާމީނަށް ވެރިކަން ހޯދަން ބާއްވާ އެއްޗެއް. އެ ޕްރައިމަރީ ވެސް ބޭއްވިދާނެ. އެ މީހުން ބާއްވަންވެސް ބާއްވާނެ ވަކިން ޑީއާރްޕީގެ ޕްރައިމަރީ ފެކްޝަނޭ ކިޔާފަ ބާއްވާނެ އެއްޗެއް. އެ ބާއްވާ ނިމޭއިރު އޮންނާނީ ކާމިނީގޭ ޔާމިން އަބްދުﷲ ގައްޔޫމަށް،" މައުމޫން ފެކްޝަނުން ބާއްވާ ޖަލްސާތަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ އަލީ ވަހީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޕްރައިމަރީއެއް ބާއްވައިގެން ނަމަވެސް އެކަކު ވެރިކަމަށް ގެނައުމަށް ވުރެ ބޮޑަށް ވަކި ބަޔަކު ވެރިކަމަށް "ބޫތު" ކައިފައިވާ ކަމަށެވެ. އަދި ވެރިކަމަށް އައުމަށްޓަކައި "ބޮޑުން"ގެ ބާރުވެރިކަމުގައި ޑީއާރްޕީއާ ކުޅެން އުޅޭ ކަމުގައިވާނަމަ މި ގައުމަށް ޑިމޮކްރަސީ ނާންނާނެ ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ.
ޑީއާރުޕީ އާއި ގައުމީ ޕާޓީގެ ކޯލިޝަނުން އެންމެ ފުރަތަމަ ބޭއްވި ޖަލްސާއަށް މަދު ބަޔަކު ހާޒިރުވި ކަމުގައި ވިޔަސް މިރޭގެ ޖަލްސާ އަށް ވަރަށް ގިނަ މީހުން ހާޒިރުވި އެވެ.