06 Dec 2015, 15:45
ސަލާން ޖެހުމުގައި އުމުރުގެ ބޮޑު ބައި ހޭދަކުރި ނާސިރާ އަބްދުﷲގެ މިލްކިއްޔާތުގައި ހުރި ފައިސާގެ ތެރެއިން ލައްކައަށް ވުރެ ގިނަ ރުފިޔާ ޓައިނީ ހާޓްސް އޮފް މޯލްޑީވްސްއަށް ހަދިޔާކޮށްފި އެވެ.
ޓައިނީ ހާޓްސް އޮފް މޯލްޑިވްސްއިން ބުނީ ނާސިރާގެ އެކައުންޓުން 121،638 ރުފިޔާ އެ ޖަމިއްޔާއަށް މި މަހުގެ ދެ ވަނަ ދުވަހު ހަދިޔާކޮށްފައިވާ ކަމަށެވެ. ނާސިރާގެ ނަމުގައި ފައިސާ ޓްރާންސްފާކުރަން ބޭނުންވާ ކަމަށް ބުނެ އެ ޖަމިއްޔާއާ މުއާމަލާތް ކުރީ ނާސިރާގެ ދެ ވާރިސުންގެ ތެރެއިން އެކަކު ކަމަށް ވެސް ޓައިނީ ހާޓްސްއިން ބުންޏެވެ.
"އެބޭފުޅާ ވިދާޅުވީ ޑޮނޭޝަނެއް ކުރަން ބޭނުމޭ ނާސިރާގެ ނަމުގައި. އެބޭފުޅާގެ އެކައުންޓުން އަޅުގަނޑުމެންނަށް ޓްރާންސްފާ ކުރީ،" ޓައިނީ ހާޓްސް އޮފް މޯލްޑިވްސްއިން ބުންޏެވެ.
ނާސިރާގެ ވާރިސުންގެ ވަކީލު މީގެ ކުރިން ވިދާޅުވެފައި ވަނީ ނާސިރާ އަބްދުﷲ މިލްކިއްޔާތުގައި ހުރި ހުރިހާ ފައިސާއެއް އަމިއްލަ ޖަމްއިއްޔާއަކަށް ނުވަތަ ކުޑަކުދިންގެ ހިޔާއަށް ހަދިޔާކުރާނެ ކަމަށެވެ.
ނާސިރާ މަރުވި އިރު އޭނާގެ ނަމުގައި ބޭންކް އޮފް ސިލޯނުގެ އެކައުންޓެއްގައި 468،000 ރުފިޔާ ހުއްޓެވެ. އެ ފައިސާ ނާސިރާގެ ދެ ވާރިސުންގެ މެދުގައި ބެހުމުން ކޮންމެ މީހަކަށް 240،000 އަށްވުރެ ގިނަ ރުފިޔާ ވަނީ ލިބިފަ އެވެ.
ނާސިރާ މަރުވުމުން އޭނާގެ ތަރިކަ ވާރިސުންގެ މެދުގައި ބަހައިދޭން އެދި ކޯޓަށް މައްސަލަ ހުށަހެޅީ އޭނާގެ އެއްބަނޑު އެއްބަފާ ދައްތަ އެވެ. އެމައްސަލާގައި ފެމިލީ ކޯޓުން ނިންމާފައިވާ ނިންމުމުގައި ބުނެފައި ވަނީ ނާސިރާގެ އެއްވެސް ދަރަންޏެއް ނުވަތަ ވަސީއަތެއްވެސް ނެތް ކަމަށެވެ.
ބާޒާރު މަތީ އެކިއެކި ކަންކަމުގައި ހަރަކާތްތެރިވެ ބިއްލޫރި ފުޅި ފަދަ ތަކެތި ވިއްކައި ގޭގެ އަށް މަސް ގެންގޮސް ދިނުމަކީ ނާސިރާކޮށް އުޅުނު މަސައްކަތެވެ. ނާސިރާ މަރުވަންދެންވެސް އުޅެފައިވަނީ އާއިލާގެ އެއްވެސް މީހެއްގެ އެހީއަކާ ނުލައެވެ.