އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ މައްޗަށް ޚިޔާނާތްތެރިވުމުގެ ދައުވާ ދައުލަތުން މިއަދު އުފުލައިފި އެވެ.

ޕީޖީ އޮފީހުގެ އޮފިޝަލަކު މިއަދު ސަން އަށް ވިދާޅުވީ އެ ދައުވާ ޒިޔަތުގެ މައްޗަށް އުފުލީ ޓޫރިސްޓު ރިސޯޓެއް ތަރައްގީކުރުމަށް މާލެ އަތޮޅުގެ ފަޅެއް ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ރާއްޖެއިން ބޭރުގެ ބަޔަކަށް ދޫކުރުމަށްފަހު ލިބުނު ފައިސާ ނަހަމަގޮތުގައި ބޭނުންކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައާ ގުޅިގެން ކަމަށެވެ.

އެ މައްސަލައާ ގުޅިގެން އަދީބުގެ މައްޗަށް ވެސް ވަނީ ދައުވާ އުފުލައިފައެވެ. އެ ދެ ބޭފުޅުންގެ މައްޗަށް ވެސް ދައުވާ އުފުލާފައިވަނީ އެއް މައްސަލައެއްގެ ގޮތުގައެވެ.

މިއީ އާ ގާނޫނުލް އުގޫބާތުގެ ދަށުން އުފުލި ފުރަތަމަ ދައުވާ އެވެ.

ގާނޫނުލް އުގޫބާތުގެ 215 ވަނަ މާއްދާގެ (ހ)

އަންނަނިވި ހާލަތްތަކުގައި އަންނަނިވި އަމަލުތައް ކުރާ މީހާ އެކުރަނީ ކުށެކެވެ.

  1. އެއްބަސްވުމެއްގެ ދަށުން ނުވަތަ ގާނޫނީ އިލްތިޒާމެއްގެ ދަށުން ނުވަތަ ޒިންމާ އުފުލަންޖެހޭ މަސްލަހަތެއް އޮންނަ ހާލަތުގައި އަނެކާގެ މުދަލެއް މީހަކު ލިބިގަންނަނަނީ އަގެއް އަދާކުރުމަށް ނުވަތަ އެ މުދަލުން ވަކި ތަސައްރުފެއް ކުރުމަށް ކަމުގައި ވެފައި ،

  2. އޭނާގެ އަމިއްލަ މުދަލުގެ ގޮތުގައި އެމުދަލުން މުއާމަލާތްކޮށް،
  3. އެ މުދަލަކުން އަދާކުރަންޖެހޭ އަގު އަދާނުކުރުން ނުވަތަ ކުރަންޖެހޭ ތަސައްރުފެއް ނުކުރުން.

ޒިޔަތުގެ މައްޗަށް ކޮށްފައިވާ ދައުވާގެ އެންމެ ބޮޑު އަދަބެއްގެ ގޮތުން ގާނޫނުލް އުގޫބާތުގައި ކަނޑައަޅާފައި ވަނީ އަށް އަހަރަށް ޖަލަށްލުމެވެ.