06 Dec 2015, 15:23
އަންނަ އަހަރު ރާއްޖެ އަށް 1.5 މިލިއަން ފަތުރުވެރިން ގެނައުމުގެ އަމާޒުގައި ފަށާފައިވާ ކެމްޕޭން، "ވިޒިޓް މޯލްޑިވްސް އިޔާ 2016"ގެ ބޮޑެތި މަސައްކަތްތަކެއް ކުރުމަށް ބީލަމު އުސޫލުން އަށް ކުންފުންޏެއް ކަނޑައަޅައި 7.12 މިލިއަން ރުފިޔާ ހަވާލުކޮށްފި އެވެ.
އެމްއެމްޕީއާރުސީން މިއަދު އަށް ފަރާތަކާ ހަވާލުކޮށްފައި ވަނީ ވިޒިޓް މޯލްޑިވްސް އިޔާ އަށް ރާވާފައިވާ ޕްރޮޖެކްޓްތަކުގެ ތެރެއިން މައިގަނޑު ތިން މަސައްކަތެކެވެ. އެ މަސައްކަތްތަކުގެ ޖުމްލަ އަގަކީ 7،121،483.71 ރުފިޔާ އެވެ.
އެ މަސައްކަތްތަކުގެ ތެރޭގައި ވިޒިޓް މޯލްޑިވްސް އިޔާ އަށް ހާއްސަކޮށްގެން އިޝްތިހާރުކުރުމަށް ބެނުންކުރުމަށް ތައްޔާރުކުރާ ތަފާތު 212 ބާވަތެއްގެ ޕްރޮމޯޝަނަލް މެޓީރިއަލް ތައްޔާރުކުރުން ހިމެނެ އެވެ. އެ މަސައްކަތަށް ބީލަން ހުށަހެޅި 19 ފަރާތުގެ ތެރެއިން ބީލަން ކާމިޔާބުކުރީ ހަ ކުންފުންޏަކުންނެވެ. މެޓީރިއަލް ހެދުމުގެ ބީލަމުގެ މުޅި ޖުމްލަ އަދަދަކީ 4،253،105.60 ރުފިޔާ އެވެ.
ދެވަނަ ބިޑަކީ ޖަރުމަނުގެ ބާލިންގައި ބާއްވާ ދުނިޔޭގެ އެންމެ ބޮޑު ފަތުރުވެރިކަމުގެ ފެއާކަމުގައިވާ އައިޓީބީ ފެއާގެ ޕާޓްނާ ކަންޓްރީއެއްގެ ގޮތުގައި ރާއްޖެ ހޮވުމާ ގުޅިގެން އައިޓީބީ ފެއާގައި ރާއްޖޭގެ ސަގާފަތް ތަމްސީލުކުރުމަށް ހިންގާ ހަރަކާތްތައް ކޯރޮއޯގްރާފްކޮށް ރާވައި ހިންގުމުގެ ޕްރޮޖެކްޓްތަކެވެ. އެ ޕްރޮޖެކްޓްގައި އައިޓީބީ ހުޅުވުމުގެ ގާލާ އިވެންޓްގައި ބާއްވާ ތިއޭޓްރިއަލް ޝޯއާއި ރާއްޖޭގެ ސްޓޭންޑްގައި ހިންގޭ ތަފާތު ހަރަކާތްތަކާއި އައިޓީބީ ހިންގަމުންދާ ދުވަސްވަރު ފެއާ ގްރައުންޑްގައި ކަނޑައަޅާފައިވާ ތަންތަނުގައި ހިންގާ ހަރަކާތްތައް ހިމެނެ އެވެ. އެ ބީލަމަށް ހުށަހެޅި ހަ ފަރާތުގެ ތެރެއިން ހ. އާސްމާން ވިލާ މުހައްމަދު މުންތަސިރު ކާމިޔާބުކުރި އިރު ބިޑުގެ ޖުމްލަ އަގަކީ 2،669،000 ރުފިޔާ އެވެ.
ތިންވަނަ ބިޑަކީ މިނިސްޓްރީ އޮފް ޓޫރިޒަމް އާއި އެމްއެމްޕީއާރުސީ އޮފީސް އިންޓީރިއާ ޑިޒައިންއަށް ވިޒިޓް މޯލްޑިވްސް އިޔާ ލޯގޯ އާއި ކުލަތައް ބޭނުންކޮށްގެން ޑިޒައިންކޮށް ޒީނަތްތެރިކުރުމުގެ ޕްރޮޖެކްޓެކެވެ. އެ ބިޑަށް ހުށަހެޅި ދެ ފަރާތުގެ ތެރެއިން ބިޑް ކާމިޔާބުކުރީ ނޮވެލްޓީ ޕްރިންޓް އެންޑް ޕަބްލިޝާސް އެވެ. އެ ބިޑްގެ އަގަކީ 199،378.11 ރުފިޔާ އެވެ.
ވިޒިޓް މޯލްޑިވްސް އިޔާއަކީ ދިވެހިރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުމާ ދިމާކޮށް ބޭރުދުނިޔޭގައި ދިވެހިރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށް ހިންގާ ކެމްޕޭނެކެވެ. އެ ކެމްޕޭނުގެ ދަށުން އަންނަ އަހަރު ރާއްޖެއަށް 1.5 މިލިއަންގެ ރެކޯޑް އަދަދަކަށް ފަތުރުވެރިިން ގެންނަށް ސަރުކާރުން ވަނީ އަމާޒުހިފައިފަ އެވެ.