ރެޑްބުލް އިން އިންތިޒާމްކޮށްގެން މިދިޔަ ދެ އަހަރު ވެސް ރާއްޖޭގައި ބޭއްވި ވިނިން ފައިވް މުބާރާތް 21 ޓީމާއެކު ހުކުރު ދުވަހު ފަށާއިރު ޗެމްޕިއަން ޓީމަށް ބްރެޒިލްގެ ސަންތޯސް އަށް ދިއުމަށް ފުރުސަތު ލިބިގެން ދާނެ އެވެ.

އޮކްޓޯބަރު 23ގައި ޖުމްލަ 128 ޓީމާއެކު ބ. އޭދަފުށިން ކޮލިފިކޭޝަންގެ މެޗުތައް ފެށި އިރު މާލޭގެ އިތުރުން ދެން ކޮލިފައިންގެ މެޗްތައް ކުޅެފައި ވަނީ ހދ. ކުޅުދުއްފުށި، ޅ.ހިންނަވަރު، ކ. ކާށިދޫ، ގދ. ތިނަދޫ، ގއ. ވިލިގިލި، ސ.ފޭދޫ އަދި ޏ.ފުވައްމުލަކުގަ އެވެ.

ނުވަ ސަރަހައްދެއްގައި ކޮލިފިކޭޝަން ބޭއްވި އިރު ކޮންމެ ސަރަހައްދަކުން ވެސް ޗެމްޕިއަން ޓީމާއި ރަނަރަޕް ޓީމް ވިނިން ފައިވްގެ ނެޝަނަލް ފައިނަލްސް އަށް ކޮލިފައި ވެފައިވީ ނަމަވެސް މާލޭ ސަރަހައްދުން ވަނީ އަށް ޓީމް ކޮލިފައިވެފަ އެވެ.

ރެޑްބުލް ވިނިން ފައިވް މާލޭގެ ކުޅުނު ކޮލިފައިން މެޗެއްގެ ތެރެއިން --- ފޮޓޯ:ރެޑްބުލް

ރެޑްބުލް ވިނިން ފައިވްގެ ނެޝަނަލް ފައިނަލްސް އަށް މޭލޭ ގުރޫޕުގެ ޗެމްޕިއަން ރޮކްސްޓްރީޓާއި ޕީކޭގެ އިތުރުން، މާލޭ ބުރުގެ ކުއާޓާ ފައިނަލް އިން ޖާގަ ހޯދި ސަން އެފްސީ އާއި ބިސް ޕޮމްޕޮމް އާއި އިންވިކްޓޯ އާއި ބީވައިއެސް އާއި އެފްސީ ބެންކިއު އަދި ނިއޯނާ ވެސް ވަނީ ކޮލިފައިވެފަ އެވެ.

ނެޝަނަލް ފައިނަލްސްގައި ދެން ވާދަ ކުރާނީ ޅ. ނައިފަރުގެ މިޑްލް ސިޓީ އާއި ޕޮލިސް ކްލަބާއި ގއ.ވިލިނގިލީގެ ޓީމް ބްރަދާސް އާއި އެފްސީ ކޮލަމްބޯ ޓީނޭޖާސް އާއި ގދ. ތިނަދޫގެ ރެޑްބުލް ފަހެން އާއި ކަސްޕުކަސް އާއި ހދ. ކުޅުދުއްފުށީގެ ޓީމް ސްޓޯން އާއި ޒިގްޒެގާއި ޏ.ފުވައްމުލަކުގެ އެރީ ކެޓީ ފޭބީ އާއި އެފްސީ ޖޯކާސް އަދި ސ. ފޭދުގެ ޕޮލިސް ސީނިއާސް އާއި ފްރެންޑްސް ކްލަބެވެ.

ފައިވް އޮން ފައިވް މުބާރާތަކަށްވި ނަމަވެސް، އާންމުކޮށް ކުޅޭ މުބާރާތްތަކާ ރެޑް ބުލް ވިނިން ފައިވްގެ ގަވައިދުތައް ތަފާތެވެ. ކޮންމެ ޓީމެއްގައި ފަސް ކުޅުންތެރިން ހިމެނުނު ނަމަވެސް، ގޯލްކީޕަރެއް ނުހުންނާނެ އެވެ. އެންމެ ފާހަގަކޮށްލެވޭ ގަވައިދަކީ ޓީމަކުން ލަނޑެއް ޖަހައިފިނަމަ، އިދިކޮޅު ޓީމުގެ ކުޅުންތެރިއެއް ވަގުތުން ބާލަން ޖެހުމެވެ. ކޮންމެ މެޗަކަށް 10 މިނިޓު ކަނޑައަޅާފައި އޮތް ނަމަވެސް، ޓީމެއްގެ ކުޅުންތެރިން ހުސްވެއްޖެ ނަމަ އެ ވަގުތު ހަމަވުމުގެ ކުރިން މެޗު ނިމޭނެ އެވެ. ދެ ޓީމު އެއްވަރުވެގެން މެޗު ނިމިއްޖެ ނަމަ، ނަތީޖާ ކަނޑައަޅާނީ ޕެނަލްޓީ ޖަހައިގެންނެވެ.

ރެޑްބުލް ވިނިން ފައިވްގެ ނެޝަނަލް ފައިނަލްސް މުބާރާތް ބާއްވާ މާފަންނު ސުޓޭޑިއަމް --- ފޮޓޯ: ރެޑްބުލް

މިއަހަރުގެ މުބާރާތުން ޗެމްޕިއަންކަން ހޯދާ ޓީމަކަށް ބްރެޒިލްގެ ސަންތޯސްއަށް ޒިޔާރާތްކުރުމުގެ ފުރުސަތު ލިބޭނެ ކަމަށް ރެޑްބުލް އިން މައުލޫމާތު ދެއެވެ. ސަންތޯސް އަކީ ބްރެޒިލްގެ ގައުމީ ޓީމާއި ބާސެލޯނާގެ ތަރި ނޭމާ ނިސްބަތްވާ ސިޓީއެވެ. ސަންތޯސްގެ ފުޓްބޯޅަ ޓީމު ކަމަށްވާ ސަންތޯސް އެފްސީ އަކީ ނޭމާގެ އިތުރުން ރޮބީނިއޯ އާއި ޕެލޭ ވެސް އެންމެ ފުރަތަމަ ކުޅުނު ކްލަބެވެ.

އެ މުބާރާތް ކުރިއަށް ދާނީ ހުކުރު ދުވަހު މެންދުރުފަހު 2:30 އިން ފެށިގެން އިރުއޮއްސި ހަ އެއް ޖަހަންދެން މާފަންނު ޓާފް ދަނޑުގައި ކަމަށް ރެޑްބުލް އިން ބުނެ އެވެ.