06 Dec 2015, 14:40
ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު މުހައްމަދު ހުސައިން ޝަރީފް (މުންދު) ގެ މައްޗަށް ދައުވާ ނުކުރަން ޕީޖީ އޮފީހުން ނިންމައިފި އެވެ.
ޕީޖީ އޮފީހުގެ އޮފިޝަލަކު މިއަދު ސަން އަށް ވިދާޅުވީ އެގޮތަށް ނިންމާފައި ވަނީ މުންދު މަގާމުގެ ނުފޫޒު ބޭނުންކޮށްގެން އެހެން ފަރާތަކަށް ނާޖާއިޒު ފައިދާ ހޯދައިދިންކަން ސާބިތުވާ މިންވަރަކަށް ހެކި ލިބިފައިނުވާތީ ކަމަށެވެ.
"މުހައްމަދު ހުސައިން ޝަރީފް މަގާމުގެ ނުފޫޒު ބޭނުންކޮށްގެން އެހެން ފަރާތަކަށް ނާޖާއިޒު ފައިދާ ހޯދައިދިންކަން ސާބިތުވާ މިންވަރަހަށް ހެކި ލިބިފައިނުވާތީ އޭނާގެ މައްޗަށް ދައުވާ ނުކުރަން ޕީޖީ އޮފީހުން ވަނީ ނިންމާފައި،" އޮފިޝަލް ވިދާޅުވި އެވެ.
މުންދުގެ މައްޗަށް ދައުވާ ކުރަން އެންޓި ކޮރަޕްޝަން ކޮމިޝަނުން ޕީޖީ އޮފީހަށް ފޮނުވީ ރާއްޖޭގެ މިނިވަންކަމުގެ ރަން ޔޫބީލްގައި ރައީސުލްޖުމްހޫރިއްޔާ ދެއްވި ރަސްމީ ޖާފަތް ތައްޔާރުކުރުމަށް ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ނިއު ޕޯޓާ ހަވާލުކުރި ކަމުގެ ތުހުމަތުގައެވެ.