06 Dec 2015, 14:29
ސަންއާ (ޑިސެމްބަރ 6):ޔަމަނުގެ ދެކުނު އަދަނު ޕްރޮވިންސުގެ ގަވަރުނަރު، މޭޖާ ޖެނެރަލް ޖައުފަރު މުހައްމަދު ސާދު ދަތުރު ކުރައްވަމުން ދިޔަ އުޅަނދަށް ބޮމުގެ ހަމަލާއެއްދީ އޭނާ އަވަހާރަކޮށްލައިފި އެވެ.
އެ ހަމަލާގައި ގަވަރުނަރާއެކު ދަތުރުކުރަމުން ދިޔަ ހަ ބޮޑީގާޑުން ވެސް ވަނީ މަރުވެފަ އެވެ.
ރިޕޯޓުތަކުގައިވާ ގޮތުން އަދަނުގެ ތަވާހީ ޑިސްޓުރިކްޓުން ދުއްވާފައި ދިޔަ ގަވަރުނަރު ސާދްގެ ކާރަށް ހަމަލާދީފައި ވަނީ ގްރެނޭޑަކުންނެވެ. ކަމާބެހޭ ފަރާތްތަކުން މިހާރު ދަނީ އެ ހަމަލާ ތަހުގީގު ކުރަމުންނެވެ.
އެ ހަމަލާގެ ޒިންމާ އެއްވެސް ޖަމާއަތަކުން އަދި ނަގާފައި ނުވެ އެވެ. ނަމަވެސް ތުހުމަތު ކުރެވޭ ގޮތުގައި ހަމަލާ ދީފައި ވަނީ އަލްގައިދާ އިންނެވެ.
ހޮނިހިރު ދުވަހު ހަތިޔާރު އަޅައިގެން ތިބި ބަޔަކު ވަނީ ޔަމަނުގެ އަސްކަރިއްޔާގެ ޖާސޫސީ އިދާރާގެ އިސް ފަރާތަކާއި ފަނޑިޔާރަކަށް ދެ ހަމަލާއެއްދީ މަރާލާފަ އެވެ. މުހްސިން އަލްވާން ނަމަކަށް ކިޔާ އެ ފަނޑިޔާރަކީ ޓެރަރިޒަމްއާ ދެކޮޅަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ފަރާތެކެވެ.
ޔަމަނުގެ ބޮޑު ބައެއް ހިސާރުކޮށްފައިވާ ޝީޢީ ޖަމާއަތެއް ކަމަށްވާ ހޫޘީންގެ އަތުން، ޔަމަނުގެ ސަރުކާރުގެ ދަށަށް އަދަން ގެނެސްފައިވަނީ އެގައުމުގެ ދާހިލީ ހަނގުރާމައިގައި ބައިވެރިވާ ސައުދީ ކޯލިޝަން އިން މިއަހަރުގެ ކުރީކޮޅު އެވެ. (އޭޕީ)